އެންމެ ރަނގަޅު ގޮތަކީ ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު ގަރެތު ބޭލް އެހެން ކްލަބަކަށް ބަދަލުވުންކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

އެގޮތުން، މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ބަޔާން މިއުނިކް އަތުން 3-1 އިން ބަލިވި މެޗުގައި ބޭލް ނުކުޅުނު ސަބަބު ނޫސްވެރިން އެހުމުން، ޒިދާން މީޑިއާ އަށް ދިން އިންޓަވިއުގައި ބުނީ ބޭލް އަށް އެ ޓީމުން އެންމެ ބޭނުންވާ ފަދަ ކުޅުމެއް ނުދެއްކޭތީވެ ދޫކޮށްލަން ނިންމާފައިވާކަމަށެވެ.

"މިހާރު އޭނާ އެހެން ކްލަބަކަށް ބަދަލުވުމުގެ މަސައްކަތްކުރިއަށްދާތީވެ، މިއަދުގެ މެޗުގައި ބައިވެރިނުވީ. އަހަރެމެން އުއްމީދުކުރަނީ ވީ އެންމެ އަވަހަކަށް އެހެން ޓީމަކަށް ބަދަލުވާނެކަމަށް. އެއީ މިހާރަށް ޓީމަށް އެންމެ ފައިދާހުރި ގޮތަކީވެސް." ޒިދާން ބުންޏެވެ.

"އަހަރެންނާއި ބޭލްއާ ދެމެދު އެއްވެސް މައްސަލައެއް. އެކަމަކު ޓީމަށް ބަދަލުތައް ގެންނަންޖެހޭ ވަގުތުތަކުގައި ކޮންމެހެން ނިންމަންޖެހޭ މަޖުބޫރު ނިންމުމެއް މިއީ." ޒިދާން ބުންޏެވެ.

ރެއާލް މެޑްރިޑުން 2013 ވަނަ އަހަރު 91 މިލިއަން ޔޫރޯ އަށް ގަތް ބޭލް އަށް މިދިޔަ ހަތަރު ސީޒަނަކީ އެންމެ ކާމިޔާބު ދެ އަހަރެއް ނޫނެވެ. އަނިޔާގެ ސަބަބުން، ލީގުގައި ކުޅެން ޖެހޭ 151 މެޗުގެ ތެރެއިން ކުޅެވުނީ 79 މެޗެވެ. މީގެއިތުރުން، މުހިއްމު ގިނަ މެޗުތަކެއްގައި ފުރަތަމަ އެގާރައިން ވެސް ފުރުސަތެއް ނުލިބެއެވެ.

މިދިޔަ ސީޒަނުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތުމުން ބައެއް މުހިއްމު މެޗުތަކުގައި ތަފާތު ދެއްކި ނަމަވެސް، ޒިދާންގެ ޕްލޭނުގައި އޭނާ ނުހިމެނޭ ކަމަށްވެ އެވެ.

ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބޭލްގެ ކުރީގެ ކްލަބު ޓޮޓެންހަމް ހޮޓްސްޕާ އިން ވަނީ އޭނާ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން، 50 ނުވަތަ 60 މިލިއަން ޔޫރޯގެ އަކަށްވެސް ރެއާލުން ބޭލް ދޫކޮށްލަން ތައްޔާރަށް އޮތްއިރު އޭނާގެ މުސާރައިގެ ގޮތުގައި އަހަރަކު ދޭ 17 މިލިއަން ޔޫރޯގެ ދެބައިކުޅަ އެއްބައިވެސް ދޭނެކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.