މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ޓޭބަލް ޓެނިސް އިވެންޓުގައި އެންމެފަހުގެ ޗެމްޕިއަން މޮރިޝަސް ބަލިކުރުމަށްފަހު ރާއްޖޭގެ ޓީމު ރަން މެޑަލް ހޯދައިފިއެވެ. މި މެޗުން ރާއްޖެ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މިއީ ރާއްޖޭގެ ޓީމަކުން ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. އަދި މީގެކުރީން ރާއްޖެއަށް ފުރަތަމަ ފަހަރަށް މި ފަދަ މުބާރާތަކުން ރަން މެޑަލް ހޯދައިދިނީ ދުވުމުގެ އިންޑިވިޖުއަލް އިވެންޓުން އިތުބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ގޭމް 3-1 އިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ބަލިކުރުމަށްފަހު މޮރިޝަސްގެ ކުޅުންތެރިޔާ ގެންދިޔައިރު، ދެވަނަ ގޭމް 3-2 އިން ކާމިޔާބުކޮށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. 

އެއަށްފަހު، ތިންވަނަ ގޭމުގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ އަލީ ބަލިވީ ސީދާ ތިން ސެޓުންނެވެ. ނަމަވެސް، ދެން ޖެހިގެން އައި ހަތަރުވަނަ ގޭމް ދީމާ އަލީ ގެންދިޔައީ 3-1 އިންނެވެ. މެޗުގެ އެންމެ ފަހު ގޭމްގައި ރަފާ ނާޒިމް ކުޅެން ނިކުމެ، ރާއްޖެއަށް ރަން މެޑަލް ކަށަވަރުކޮށްދިނީ 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މިއަދުގެ މެޗުގައި ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ އުމުރުން 15 އަހަރުގެ ރަފާ ނާޒިމާއި، އުމުރުން 11 އަހަރުގެ ދީމާ އަލީގެ އިތުރުން މުއީނާ އަލީ އަދި ފާތިމަތު ޖުމާނާ ނިމާލެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.