ކުޑަކުދިން ނުއުފުއްލޭވަރުގެ ބަރު ފޮތްދަބަސް ސްކޫލަށް ގެންދިއުމަކީ ރާއްޖޭގައިވެސް ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. އަދި އެފަދަ ބަރު ދަބަސް އުފުއްލުމުގެ ސަބަބުން ކުދިންގެ ކޮނޑާއި ބުރަކަށްޓަށް ތަދުވުމުގެ ޝަކުވާތައްވެސް ވަރަށް ގިނައިން އަޑުއިވެއެވެ.
ކިޔުއައި ސްޕައިން ކްލިނިކްގެ ސީނިއަރ ސްޕައިން ސްޕެޝަލިސްޓް އަދި ކްލިނިކަލް ޑައިރެކްޓަރ، ޑރ. ގަރިމާ އަނަންދާނީ "ޓައިމްސް އޮފް އިންޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ދަރިވަރުންގެ ސްކޫލް ދަބަހުގެ ބަރުދަން ހުންނަންވާނީ އެކުދިންގެ ހަށިގަނޑުގެ ބަރުދަނުގެ 10% އަށްވުރެ ލުއިކޮށް ކަމަށެވެ. އެއަށްވުރެ ބަރު އެއްވެސް އެއްޗެއް އުފުއްލުމަކީ ކުދިންގެ މައިކަށްޓައް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މާބަރު ދަބަހެއް އުފުއްލުމާއި، ނުރަނގަޅު ގޮތްގޮތަށް ބެކްޕެކް އެޅުމަކީ މައިކަށްޓަށް ވަރަށް ބޮޑަށް ޕްރެޝަރުކުރާ ކަމެކެވެ. އޭގެ ސަބަބުން ބައެއް ކުދިން މާބޮޑަށް ކުރިމައްޗަށް ގުދުވެއެވެ. ނަތީޖާއެއްގެ ގޮތުން އެކުދިންގެ މައިކަށި ޤުދުރަތީ ގޮތުން ހުންނަ ޝޭޕް ބަދަލުވެއެވެ. އަދި އެއް ފަރާތަކަށް ކޮނޑުގައި ދަބަސް އެޅުމުންވެސް ހިނގާއިރު އުނދަގޫވެފައި، ކަރަށްވެސް ތަދުވުން އެކަށީގެންވެއެވެ. މާބަރު ތަކެތި އުފުއްލުމަކީ މައިކަށްޓާއި، ކޮނޑު، ކަރު އަދި އެހެނިހެން ކަށިތަކުގައި ރިއްސުމަށް މެދުވެރިވާ ކަމެކެވެ.
އާންމުކޮށް ސްކޫލް ދަރިވަރުން ގެންގުޅޭ ފޮތްދަބަސްތަކުގެ ބަރުދަނުގައި އެއް ކިލޯ އާއި 10 ކިލޯގްރާމް ދެމެދުގެ ބަރުދަން ހުރެއެވެ. ބަރު ފޮތްދަބަސް އުފުއްލުމާއި ކަށިތަކުގައި ރިއްސުމާއި ގުޅުމެއްވޭތޯ ބެލުމަށް އިންޑިއާގެ މަހަރާޝްތްރާގެ ކޮލާޕޫރްގެ ޕްރައިމެރީ ސްކޫލެއްގައި ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، 42% ދަރިވަރުން ވަނީ ކޮނޑަށް ތަދުވާކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި 23.9% ދަރިވަރުން ވަނީ ކަރަށް ތަދުވާކަމަށް ރިޕޯޓްކޮށްފަ އެވެ.
ބަރު ފޮތްދަބަހާއި ގުޅުންހުރި މައްސަލައެއް ދަރިފުޅަށް ކުރިމަތިވެފައިވާކަން ދެގެނަންނާނީ ކިހިނެއް؟
މާގިނައިން ކަރާއި ކޮނޑަށް ތަދުވާކަމުގެ ޝަކުވާ ދަރިފުޅު ކުރާތޯ ބަލާށޭވެ. ކޮނޑާއި ބުރަކަށީގެ ވަރުބަލިކަމާއި، ގިނައިރު އެއްތަނެއްގައި އިށީނދެ ހުރުމުގައި އުނދަގޫވުމަކީވެސް ބަރު ފޮތްދަަބަހެއް ގެންގުޅުމުގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތަކެވެ.
މައިންބަފައިންނަށް މިކަމުގައި ކުރެވިދާނެ ކަންތައްތައް
ސްކޫލަށް ގެންދަން ބެކްޕެކް ގަންނައިރު، ރަނގަޅު ކޮލިޓީގެ، ބުރަކަށްޓަށް ރަނގަޅު ދަބަސް ގަނުމަކީ މުހިންމު ކަމެކެވެ. ވަރުގަދަ އަދި ފުޅާ ދެފަތް ހުންނަ ދަބަސް ގަނުމަކީވެސް ރަނގަޅު ކަމެކެވެ. އޭގެ ސަބަބުން ބަރުދަން އެއްވަރަކަށް ދެކޮނޑަށް ބަހާލެވޭނެ އެވެ. މީގެ އިތުރުން ބެކްޕެކް ވާންޖެހޭނީ ދަރިފުޅާއި އެކަށީގެންވާ ސައިޒެއްގެ ދަބަހަކަށެވެ. އަދި ހަމަ އެހެންމެ ދަރިވަރުން ކޮންމެ ދުވަހަކު ގެންދަނީ އެ ދުވަހެއްގެ ޓައިމް ޓޭބަލްގައިވާ މާއްދާތަކުގެ ފޮތް ކަމަށާއި، އިތުރު ފޮތްތައް ނުގެންދާތޯ ވެސް ޗެކްކުރުމަކީ މުހިންމު ކަމެކެވެ. އަދި އެންމެ ބަރު ސާމާނުތައް އަޅާފައި ހުންނަންޖެހޭނީ ދަބަހުގެ ފަހަތަށެވެ. މީގެ އިތުރުން، ލަންޗް ބޮކްސް އާއި ފެންފުޅިފަދަ ތަކެތި ގަންނައިރުވެސް އެހާ ބަރު ނޫން، ލުއި ތަކެތި ގަނުމަށް ސަމާލުވާށެވެ.
ދަރިފުޅުގެ ކޮނޑާއި، ކަރަށް ނުވަތަ ބުރަކަށްޓަށް ތަދުވާތާ 4-5 ހަފްތާއަށްވުރެ ގިނަ ދުވަސްވާނަމަ، މައިކަށީގެ ސްޕެޝަލިސްޓަކަށް ދައްކާށެވެ.