ފަޅޮލަކީ ވިޓަމިން ސީ އިން ފުރިގެންވާ، ގިނަގުނަ ސިއްޙީ ފައިދާތަކެއް ލިއްބައިދޭ ވަރަށް މީރު މޭވާއެކެވެ. ތިރީގައި އެވަނީ ފަޅޯ ކެއުމުން ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކެވެ.
1. ކޮލެސްޓްރޯލް ދަށްކޮށްދޭ
ފަޅޮލުގައި ގިނަ އަދަދަކަށް ފައިބަރ އާއި ވިޓަމިން ސީ އަދި އެންޓިއޮކްސިޑެންޓްސް ހިމެނިގެންވުމާއެކު، ލޭހޮޅިތަކުގައި ކޮލެސްޓްރޯލް ހަރުލުމުން ދުރުހެލިކޮށްދެއެވެ. މާގިނައިން ކޮލެސްޓްރޯލް ހަރުލުމަކީ ހާޓް އެޓޭކް އާއި ހައިޕަރޓެންޝަންފަދަ ހިތުގެ ބަލިތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.
2. ބަރުދަން ލުއިކޮށްދޭ
ފަޅޮލުގައި ހުންނަނީ ވަރަށް މަދު ކެލޮރީސްއެކެވެ. މީގެ އިތުރުން ފަޅޮލުގައިވާ ފައިބަރގެ ސަބަބުން ގިނައިރު ބަނޑުހައިނުވެ ހުރުމަށާއި، ޤަވާއިދުން ބޮޑުކަމުދިއުމުގައިވެސް އެހީތެރިވެދެއެވެ. އޭގެ ސަބަބުން ބަރުދަން ލުއިކުރުމަށް ފަސޭހަވެއެވެ.
3. ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ
ދިފާޢީ ނިޒާމަކީ އެކިއެކި އިންފެކްޝަންތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ ނިޒާމެކެވެ. އެންމެ ފަޅޮލެއްގައި ވެސް ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިން ސީގެ 200% އެކުލެވިގެންވެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ވަރަށް މުހިންމު، އެ ނިޒާމް ވަރުގަދަކޮށްދޭ މާއްދާއެކެވެ.
4. ހަކުރުބައްޔަށް ރަނގަޅު
ފަޅޮލަކީ ފޮނި މޭވާއެއް ކަމުގައިވިޔަސް، އޭގައި އެހާގިނައިން ހަކުރު ނުހުރެއެވެ. އެހެންކަމުން މިއީ ހަކުރުބަލި ޖެހިފައިވާ މީހުން ކެއުން ވަރަށް ރަނގަޅު އެއްޗެކެވެ. މީގެ އިތުރުން ހަކުރުބަލި ނެތްނަމަވެސް، އެކަމުން ރައްކާތެރިވުމަށްޓަކައި ވެސް ފަޅޯ ކެވިދާނެއެވެ.
5. ލޮލަށް ރަނގަޅު
ފަޅޮލުގައި ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވިގެންވެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން އިތުރަށް ގޯސްވުމުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ. ޤަވާއިދުން ފަޅޯ ކެއުމަކީ އުމުރާއި ގުޅުންހުރި ލޮލުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ.
6. އާތުރައިޓިސް އިން ރައްކާތެރިކޮށްދޭ
އާތުރައިޓިސް ނުވަތަ ހުޅުހުޅުގައި ރިއްސުމަކީ ވަރަށް ވޭންހުރި ބައްޔެކެވެ. ފަޅޮލަކީ ވިޓަމިން ސީގެ އިތުރުން އެންޓި-އިންފްލެމޭޓަރީ މާއްދާތަކެއްވެސް އެކުލެވިގެންވާ މޭވާއެކެވެ. އެހެންކަމުން ފަޅޯ ކެއުމުން އާތުރައިޓިސްގެ އެކި ވައްތަރުތަކުން ހަށިގަނޑު ރައްކާތެރިކޮށްދެ އެވެ. އެނަލްސް އޮފް ދަ ރޫމެޓިކް ޑިޒީސެސްގައި ޗާޕުކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ވިޓަމިން ސީ މަދުން ހުންނަ އެއްޗެހި ކާ މީހުންނަށް އާތުރައިޓިސް ޖެހުމުގެ ފުރުސަތު ތިންގުނަ އިތުރުވެގެންދާ ކަމަށެވެ.
7. ހަޖަމުގެ ނިޒާމު ރަނގަޅުކޮށްދޭ
ފަޅޮލުގައި ފައިބަރގެ އިތުރުން ހަޖަމުކުރުމުގައި އެހީވާ އެންޒައިމެއް ކަމުގައިވާ ޕަޕެއިންވެސް އެކުލެވިގެންވެއެވެ. އެހެންކަމުން ފަޅޯ ކެއުމަކީ ހަޖަމުގެ ނިޒާމް ދުޅަހެޔޮކަންމަތީ ހުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
8. މައްސަރު ދުވަސްވަރު ބަނޑަށް ތަދުވުން ކުޑަކޮށްދޭ
މައްސަރު ދުވަސްވަރު ބަނޑަށް ތަދުވާނަމަ ފަޅޯ ކެއުމަކީ ރަނގަޅު ކަމެކެވެ. އެއީ ފަޅޮލުގައިވާ އެންޒައިމް ޕަޕެއިން އަކީ ބްލަޑް ފްލޯ ރަނގަޅު މިންވަރެއްގައި ކޮންޓްރޯލް ކޮށްދޭ މާއްދާއަކަށްވާތީ އެވެ.
9. މުސްކުޅިވުމުގެ ނިޝާންތައް މަދުކޮށްދޭ
އެންމެންވެސް ބޭނުންވާނީ ވީހާވެސް ގިނަ ދުވަސް ވަންދެން ޒުވާންކަންމަތީ ދެމިހުރުމަށެވެ. އެހެންނަމަވެސް އެއީ ހަޤީޤަތުގައި ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، ފަޅޯ ކެއުންފަދަ ސިއްޙަތަށް ފައިދާހުރި އާދަކާދަތަކުގެ ސަބަބުން މުސްކުޅިވާ މިންވަރު ލަސްކޮށްދީ، ޒުވާންކަން އިތުރުވެގެންދާނެ އެވެ. ފަޅޮލުގައި ހިމެނިގެންވާ ވިޓަމިން ސީ، ވިޓަމިން އީ އަދި ބީޓާ-ކެރޮޓީންފަދަ އެންޓިއޮކްސިޑެންޓްތަކަކީ ފްރީ-ރެޑިކަލްގެ ގެއްލުންތަކުން ހަންގަނޑު ރައްކާތެރިކޮށްދީ، ރޫޖެހުން ހުއްޓުވައިދޭ މާއްދާތަކެކެވެ.
10. ކެންސަރު ޖެހުމުން ރައްކާތެރިކޮށްދޭ
ފައިޓޮނިއުޓްރިއެންޓްސް އާއި ފްލަވޮނޮއިޑްސްފަދަ އެންޓިއޮކްސިޑެންޓްތަކުން ފުރިގެންވާ ފަޅޮލަކީ ފްރީ ރެޑިކަލްގެ ގެއްލުންތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ. ބައެއް ދިރާސާތަކުން ވަނީ ފަޅޯ ކެއުމުން ކޮލޯން އަދި ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވާކަމަށްވެސް ހޯދައިފަ އެވެ.
11. ސްޓްރެސް ކުޑަކޮށްދޭ
މުޅި ދުވަހު ބުރަކޮށް މަސައްކަތުގައި އުޅުމަށްފަހު ގެއަށް އައިސް ފަޅޯ ކެއުމަކީ ވަރަށް ރަނގަޅު އާދައެކެވެ. އޭގައި އެކުލެވިގެންވާ ވިޓަމިން ސީފަދަ ނިއުޓްރިއެންޓްތަކުގެ ސަބަބުން ސްޓްރެސް އިން ދުރުހެލިކޮށްދެއެވެ. ޔުނިވާސިޓީ އޮފް އެލަބާމާގައި ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި 200 މިލިގްރާމް ވިޓަމިން ސީ އިން މީދަލުގެ ސްޓްރެސް ހޯމޯންސްތައް ރެގިއުލޭޓްކޮށްދެ އެވެ.