ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ހޯދުމަށް ބާސެލޯނާ އިން ކެނޑިނޭޅި މަސައްކަތްކުރަމުން އައިނަމަވެސް، އެ ޓީމުގައި އޭނާ މަޑުކުރުވާން ބޭނުންވާކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

މީގެކުރީން، ނޭމާގެ އޭޖެންޓް އޭނާގެ ބައްޕައާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފައިވަނީ ނޭމާގެ ވިސްނުން ހުރީ ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާ އަށް ކުޅުމަށް ކަމަށެވެ. އަދި ޕީއެސްޖީ ދޫކޮށްލާނަމަ ބަދަލުވާނީ ހަމައެކަނި ބާސެލޯނާ އަށް ކަމަށެވެ.

ނަމަވެސް، ޕްރީ ސީޒަންގައި ޕީއެސްޖީ އެންމެފަހުން ނުރެންބާގްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗަށްފަހު މީޑިއާ އަށް ދިން އިންޓަވިއުގައި އެ ޓީމުގެ ކޯޗު ޓުޗެލް ވަނީ ނޭމާ މަޑުކުރުވާން ބޭނުންވާކަމަށް ބުނެފައެވެ.

"ކޮންމެ ކޯޗަކުވެސް ނޭމާ ފަދަ މޮޅު ކުޅުންތެރިއަކު އެ ޓީމެއްގައި ބަހައްޓާން ބޭނުންވާނޭ. އެގޮތަށް އަހަރެންވެސް ބޭނުން އޭނާ މި ޓީމުގައި ބަހައްޓާން."

"އޭނާ އަކީ އަދިވެސް އަހަރެމެންގެ ޕްލޭންތަކުގައި ހިމެނޭ، މި ޓީމުގެ ކުޅުންތެރިއެއް." ޓުޗެލް ބުންޏެވެ.

ނޭމާއާ ގުޅިގެން މީޑިއާގައި ދެކެވޭ ވާހަކަތަކާއި ޕީއެސްޖީ ދޫކޮށްލަން ބޭނުންވާތީ އެކަމަށް އިޝާރާތްކޮށް، ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ނޭމާ ވިއްކާލާނެ ކަމަށް މީގެކުރީން އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ބުނެފައިވާއިރު، ދާދިފަހުން ޕީއެސްޖީގެ ކޯޗު ޓުޗެލް ބުނެފައިވަނީ އެންމެފަހުގެ ކޮޕާ އެމެރިކާ މުބާރާތް ފެށުމުގެ ކުރީން ނޭމާ އެ ޓީމު ދޫކޮށްލަން ބޭނުންވާކަން އޭނާ އަށް އެނގިފައިވާކަމަށެވެ.

ނަމަވެސް، މިހާތަނަށް އައިއިރު ނޭމާ ހޯދުމަށް ބާސެލޯނާގެ ފަރާތުން ރަސްމީކޮށް ހުށަހެޅުމެއް ލިބިފައިނުވާކަމަށްވެސް ލިއޮނާޑޯ ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.