ދާދިފަހުން ޗެލްސީ އިން ރެއާލް މެޑްރިޑަށް ބަދަލުވި އެޑެން ހަޒާޑް އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ބަޔާން މިއުނިކް އަތުން 3-1 އިން ބަލިވެއްޖެއެވެ.

އެމެރިކާގެ ހިއުސްޓަންގައި ކުޅުނު މި މެޗަށް ދެ ޓީމުން ވެސް ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ކުޅެން ނެރެފައިވާއިރު، މެޗުގެ 15 ވަނަ މިނެޓުގައި ބަޔާން އަށް ލީޑްނަގައިދިނީ ކޮރެންޓިން ޓޮލީސޯ އެވެ.

މެޗުގެ ފުރަތަމަ ހާފު 1-0 އިން ބަޔާން ކުރީގައިއޮވެގެން ނިންމާލިއިރު، ދެވަނަ ހާފުގެ ފުރަތަމަ 30 މިނެޓުގެތެރޭގައި އެ ޓީމުން ވަނީ އިތުރު ދެ ލަނޑުޖަހައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން، މެޗުގެ 67 ވަނަ މިނެޓުގައި ބަޔާންގެ ދެވަނަ ލަނޑު، ރޮބަޓް ލެވަންޑޯސްކީ ޖަހައިދިންއިރު އޭގެ ދެ މިނެޓުފަހުން ރެއާލްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސާޖް ނެބްރީ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

މި މެޗުގައި ރެއާލުން ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމާ ގުޅުނު ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ރޮޑްރީގޯ އެވެ. މިއީ ރޮޑްރީގޯ އަށް ބަޔާންގެ ގޯލްކީޕަރު ސްވެން އުލްރިއޭ ކުރި ފައުލަކަށް ރެފްރީ ދިން ހިލޭޖެހުމެކެވެ. މި ހާދިސާއާ ގުޅިގެން ރެފްރީ ވަނީ އުލްރިއޭ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މި މުބާރާތުގައި ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފިއޮރެންޓީނާ އަތުން 3-0 އިން އާސެނަލް މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑް ވަނީ 1-0 ގެ ނަތީޖާއަކުން އިންޓަ މިލާން ބަލިކޮށްފައެވެ. ފިއޮރެންޓީނާ ކޮޅަށް އާސެނަލުން ކާމިޔާބުކުރި ތިން ގޯލްގެ ތެރެއިން ދެލަނޑުޖަހައިދިނީ އެޑީ އެންކެޓިއާ އެވެ. އަނެއް ލަނޑުޖަހައިދިނީ ޖޯސެފް ވިލޮކް އެވެ. އިންޓައާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ހަމައެކަނި ލަނޑުޖަހައިދިނީ އުމުރުން 17 އަހަރުގެ މޭސަން ގްރީންވުޑް އެވެ.

މީގެއިތުރުން، އިއްޔެ ކުޅެވުނު ޕްރިމިއާ ލީގުގެ އޭޝިއާ ޓްރޮފީ މުބާރާތުގެ ފައިނަލްގައި ވުލްވަހެމްޕްޓަން ވޮންޑަރާސް ވަނީ ޕެނަލްޓީޖަހައިގެން 3-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.