މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުން ވަނީ ވަރަށް މުހިންމު ކަމަކަށް ވެފައެވެ. ނަމަވެސް ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެހީވެވޭނެ ގޮތްތައް ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. ތިމާވެއްޓަށް އެހީތެރިވުމުގެ ގޮތުން ކުރެވިދާނެ އެއް ކަމަކީ ކުނި މަދުކުރުމެވެ. ދެމެހެއްޓެނިވި ދިރިއުޅުމެއް އުޅުމަށްޓަކައި ގޭގައި އުފައްދާ ކުނި މަދުކުރެވިދާނެ ވަރަށް ގިނަ ގޮތްތައް ހުންނާނެ އެވެ. އޭގެތެރެއިން ބައެއް ގޮތްތައް ތިރީގައި އެވަނީއެވެ.
1. ރީޔޫސެބަލް ފެންފުޅި ބޭނުންކުރުން
އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ފުޅިތަކުގެ ބަދަލުގައި ރީޔޫސެބަލް ފެންފުޅި ގަނެވިދާނެ އެވެ. އޭރުން ގެއިން ބޭރުކުރާ ޕްލާސްޓިކް ކުނި ވަރަށް ބޮޑަށް މަދުވެގެންދާނެ އެވެ. ރާއްޖޭގައި މިހާރުވެސް ވަރަށް ބަޔަކު މިގޮތަށް ޢަމަލުކުރަމުންދާއިރު، ސަރުކާރުގެ ގިނަ އިދާރާތަކުގައި ވެސް ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިފަ އެވެ.
2. ކޮފީ މަގެއް ބޭނުންކުރުން
ރީޔޫސެބަލް ކޮފީ މަގު ބޭނުންކުރުމަކީވެސް ކުނި މަދުކުރެވިދާނެ ގޮތެކެވެ. އެގޮތުން ރެސްޓޯރެންޓުތަކުން ޓޭކްއަވޭގެ ގޮތުގައި ކޮފީ އޯޑަރ ކުރުމުގެ ބަދަލުގައި، އެތަނުގައި ހުރެ ކޮފީ ބުއިން ރަނގަޅުވާނެ އެވެ. ވަރަށް ގިނަ ދިވެހިން އާންމުކޮށް ބޭރު ޤައުމްތަކަށް ގޮސް އުޅޭއިރުވެސް ސްޓާބަކްސްފަދަ ފްރެންޗައިޒްތަކުން ކޮފީ ތަށި ގަންނާނެ އެވެ. އޭގެ ބަދަލުގައި އަމިއްލަ މަގެއް ބޭނުންކުރުން މާ ރަނގަޅުވާނެ އެވެ.
3. އޮންލައިންކޮށް ނޫސްތަކާއި މެގަޒިންތައް ކިޔުން
ބޭކާރު ގޮތުގައި ނޫހާއި މެގަޒިންފަދަ ތަކެތި ނުގަނެ، އޮންލައިންކޮށް އެ ކުންފުނިތަކުގެ ވެބްސައިޓުން ޚަބަރު ކިޔުން މާ ބުއްދިވެރިވާނެ އެވެ.
4. ފޮތި ކޮތަޅު ބޭނުންކުރުން
ރާއްޖޭގެ ގިނަ ފިހާރަތަކުން މިހާރުވެސް ދޭނީ ޕްލާސްޓިކް ކޮތަޅެވެ. އެހެންނަމަވެސް އެ ކޮތަޅުތައް ހޯދުމުގެ ބަދަލުގައި، ރީޔޫސެބަލް ކޮތަޅު ހިފައިގެން ބާޒާރަށް ދިއުމަކީ ރަނގަޅު ކަމެކެވެ. މިހާރު ވަރަށް ގިނަ ފިހާރަތަކުން ބާޒާރުކުރަން ގެންގުޅޭވަރުގެ ބޮޑެތި ފޮތި ކޮތަޅުތައް ލިބެން ހުންނާނެ އެވެ. އޭރުން ބޭނުންކުރާ ޕްލާސްޓިކް މަދުވެފައި، އުފައްދާ ކުނިވެސް މަދުވާނެ އެވެ.
5. އިންޓަވަލްއަށް ގޭގައި ކައްކާތަކެތި ދިނުން
ކޮންމެ ފަހަރަކު ބޭރުން ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާފަދަ ތަކެތި ގަނުމުގެ ބަދަލުގައި، ގޭގައި ކައްކާ ކާނާ ކުޑަކުދިންގެ އިންޓަވަލް އަށް ދިނުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އޭގެ ސަބަބުން ޖީބުން ޚަރަދުވާ ފައިސާ ސަލާމަތްކުރެއްވި، ކުނިވެސް މަދުކުރެވޭނެ އެވެ.
6. ރީސައިކަލް ކުރުން
ގޭގައި ބޭނުންކުރާ ތަކެތީގެ ތެރެއިން ރީސައިކަލް ނުވަތަ އަލުން ބޭނުންކުރެވޭނީ ކޮންކޮން އެއްޗެހިތަކެއްތޯ ޗެކްކުރާށެވެ. އޭގެ ސަބަބުން ގެއިން އުކާލާ ކުނި ވަރަށް ބޮޑަށް މަދުވެގެންދާނެ އެވެ.
7. ބާ ހެދުންތައް ބޭނުންކުރުން
ގެއާއި ބަދިގޭގެ ތަންތަން ސާފުކުރުމަށް ޓިޝޫފަދަ ތަކެތި ބޭނުންކުރުމުގެ ބަދަލުގައި، ބާވެފައިހުރި ހެދުން ބޭނުންކުރެވިދާނެ އެވެ. އެހެންނޫނީ އެ ހެދުންތައް އުކާލުމުގެ ބަދަލުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ހަދިޔާވެސް ކުރެވިދާނެ އެވެ.