ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ޓީވީއިން ލައިވްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މާދަމާއަށް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. އަޑުއެހުން އޮތީ މެންދުރު ކުރި 11:30ގަ އެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އެންމެ ފަހުން މައްސަލާގައި އަޑުއެހުމެއް ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.
ޓީވީން ލައިވު ކުރުމަށް ހަމަޖެހިފައިވާކަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި މިވަގުތު ކުރިޔަށްދަނީ އެކަމަށް ވާން ޖެހޭ ތައްޔާރީތައްވުންކަމަށްވެސް ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި އަލަށް ކުރާ ކަމަކެވެ. ނަމަވެސް މިކަން ކުރަނީ ދައުލަތުގެ ފަރާތުން ނުވަތަ ރައީސް ޔާމީންގެ ފަރާތުން އެދިލައްވައިގެން ނޫނެވެ. ޝަރީޢަތް ލައިވް ކުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހުއްދަކުރެއެވެ.