އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފުޓްބޯޅަ އިވެންޓްގައި މިއަދު ކުޅުނު މެޗުގައި ކޮމޮރޯސް އަތުން 3-0 އިން ބަލިވެ ދިވެހިރާއްޖެ އަށް ނޮކްއައުޓް ބުރަށް ދަތުރުކުރުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.

ރާއްޖޭގެ ޓީމުން މިއަދުގެ މެޗަށް ނިކުތްއިރު އެންމެފަހުން ރީޔޫނިއަން އައިލެންޑްސް އަތުން 4-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މިއަދުގެ މެޗަށް ކޯޗު ޕިޓާ ސެގާޓް ނެރުނު ޓީމުގައި ގިނައިން ހިމެނުނީ ތަޖުރިބާ މަދު ޒުވާން ކުޅުންތެރިންނެވެ. އޭގެ ނަތީޖާއެއްގެގޮތުން، މި މެޗުގައި ރާއްޖޭގެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ.

މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކޮމޮރޯސް އިން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން، މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުގެ ކަނާތް ފަރާތު ވިންގުން ހުރަަހަކުން ނެގި ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލި ޕެނަލްޓީއޭރިޔާގެތެރޭގައި ހުހަށްހުރި ޔޫސުފް އިބްރާހިމް އެވެ.

އޭގެ ނުވަ މިނެޓުފަހުން، ކޮމޮރޯސްގެ ދެވަނަ ލަނޑުޖަހައިދިނީ އެ ޓީމުގެ ކެޕްޓަން އިސާ ނަޒަރައްލީ އެވެ. މިއީ އެ ޓީމުގެ ކުޅުންތެރިއަކު ދުރުން ފޮނުވާލި ހިލޭޖެހުމަކުން ޕެނަލްޓީއޭރިޔާތެރެއަށް އައި ބޯޅަ ރާއްޖޭގެ ކީޕަރު އިބްރާހިމް ލަބާން ޝަރީފް މަތަކުރަން އުޅެނިކޮށް ހެދުނު ގޯހެއްގެ ފައިދާނަގައި ނަޒަރައްލީ ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި، ކޮމޮރޯސްގެ ފަހު ލަނޑުޖަހައިދިނީ މަލާގާ އެވެ. މިއީ އެ ޓީމުގެ ކުޅުންތެރިއަކު ޕެނަލްޓީއޭރިގާ އަރިމަތިން ނެގީ ހިލޭޖެހުމަކުން ލިބުނު ބޯޅައެއް ގޯލާއި ވަރަށް ކައިރިން މަލާގާ ޖެހި ލަނޑެކެވެ. 

ރާއްޖެ ހިމެނޭ ގްރޫޕް ބީ ގައި މިއަދު ކުޅެވުނު އަނެއް މެޗުގައި، މެޔޯޓް އަތުން 1-0 އިން މޮޅުވެ ރީޔޫނިއަން އައިލެންޑްސް ވަނީ ހަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތް ކޮމޮރޯސް އާއި ތިންވަނައިގައި އޮތް މެޔޯޓް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އުޅޭ ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ސެމީ ފައިނަލަށް ދިއުމަށް ރާއްޖެ އަށް އޮތް ހަމަ އެކަނި ފުރުސަތަކީ ބޮޑު ތަފާތަކުން ފަހު މެޗުގައި މެޔޯޓް ބަލިކޮށް ރިޔޫނިއަން އަތުން ކޮމޮރޯސް ބޮޑު ތަފާތަކުން ބަލިވުމެވެ. 

މި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި، އަންނަ ހޯމަ ދުވަހު ނިކުންނާނީ މެޔޯޓްއާ ދެކޮޅަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *