އަޑު ބޭނުންކޮށްގެން ޑިޕްރެޝަން ދެނެގަނެވޭނެ ޓެކްނޮލޮޖީއެއް ސައިންސްވެރިން އުފައްދައިފި އެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ.

ކެނެޑާގެ ޔުނިވާސިޓީ އޮފް އެލްބާޓާގެ ކޮމްޕިއުޓިންގ ސައިންސްގެ ދިރާސާވެރިން ވަނީ މީހާގެ އަޑު ބޭނުންކޮށްގެން ޑިޕްރެޝަން ޑައިގްނޯޒްކުރެވޭ މި ޓެކްނޮލޮޖީ އިތުރަށް ރަނގަޅުކޮށްފަ އެވެ.

މަޝްރޫރާ ތަސްނީމް އާއި ޕްރޮފެސަރ އެލެނީ ސްޓްރައުލިއާ ކުރި މި ދިރާސާގައި ވަނީ ކުރީގެ ތަހުލީލްތަކުގެ ޑޭޓާ ބޭނުންކޮށްފަ އެވެ. އެ ޑޭޓާއިން އެނގޭ ގޮތުގައި އިންސާނާގެ ޖަޒުބާތާއި ގުޅޭ މަޢުލޫމާތު އަޑު ހުންނަ ގޮތް ނުވަތަ ޓޯނުން އެނގޭނެ އެވެ.

މި މަޢުލޫމާތުތައް ބޭނުންކޮށްގެން ތަސްނީމް އާއި ސްޓްރައުލިއާ ވަނީ ގިނަ އަދަދެއްގެ މެޝިން ލާނިންގ (އެމްއެލް) އެލްގޮރިދަމްތައް އެއްކޮށްގެން، އަޑުން ޑިޕްރެޝަން ދެނެގަނެވޭނެ ނިޒާމެއް ތަރައްޤީކޮށްފަ އެވެ.

މި ޓެކްނޮލޮޖީ ބޭނުންކުރާ މޮބައިލް އެޕްލިކޭޝަނެއްގެ ޒަރިއްޔާއިން މީހުންގެ އަޑުގެ ސާމްޕަލްތައް ހޯދާ، މީހާގެ މޫޑް ހުންނަ ގޮތް ދެނެގަނެ ޓްރެކް ކުރެވޭނެ ކަމަށް ސްޓްރައުލިއާ ވިދާޅުވި އެވެ. 

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއެޗްއޯ) އިން ބުނާ ގޮތުގައި ޑިޕްރެޝަން އަކީ ނުކުޅެދުންތެރިކަމަށް މަގުފަހިކޮށްދޭ އެންމެ ބޮޑު ސަބަބު ކަމަށެވެ.

ދިރާސާވެރިން ބުނާގޮތުގައި މިކަމުގެ މައިގަނޑު މަޤްޞަދަކީ މި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ފައިދާކުރަނިވި އެޕްލިކޭޝަންތަކެއް އުފެއްދުން ކަމަށެވެ. އެފަދަ ވަސީލަތެއް ބޭނުންކޮށްގެން މީހުންނަށް އަމިއްލަ މޫޑް ދެނެގަނެވޭނެ ކަމަށާއި، އަދި ބަލިމީހުންގެ މޫޑްތައް ދެނެގަތުމުގައި އެފަދަ މީހުންނަށް އަޅާލާ މީހުންނަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

މި ދިރާސާ ހުށަހަޅާފައި ވަނީ ދާދިފަހުން ބޭއްވި ކެނޭޑިއަން ކޮންފަރެންސް އޮން އާޓިފިޝަލް އިންޓެލިޖެންސްގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.