އުމުރާއު ގުޅުންހުރި އަޑުއިވުމުގެ މައްސަލަތަކުގެ ސަބަބުން ހިއަރިން އެއިޑް ބޭނުންކުރާ މީހުންގެ ސިކުނޑި ރަނގަޅު މިނެއްގައި މަސައްކަތްކުރުމުގައި ދެމިހުންނަ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް އެގްޒެޓަރ އާއި ކިންގްސް ކޮލެޖު ލަންޑަން އިން ކުރި މި ދިރާސާ ހުށަހަޅާފައި ވަނީ ލޮސް އެންޖެލިސްގައި ބޭއްވި އަލްޒައިމާސް އެސޯސިއޭޝަން އިންޓަނޭޝަނަލް ކޮންފަރެންސްގަ އެވެ. އެ ދިރާސާގައި އުމުރުން 50 އަހަރުން މަތީގެ 25،000 މީހުން ވަނީ ބައިވެރިވެފަ އެވެ.

ދިރާސާއިން ދައްކާގޮތުގައި ރަނގަޅު ހިއަރިން އެއިޑެއް ބޭނުންކުރުމަކީ ސިކުނޑި ރައްކާތެރިކޮށްދީ، ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއް ކަމަށެވެ.

ދިރާސާގެ ބައިވެރިން ދެ ގްރޫޕަކަށް ބަހާލައިގެން ދެ އަހަރު ދުވަހަށް ކުރިއަށްގެންދިޔަ މި ދިރާސާއިން ދެއްކި ގޮތުގައި ހިއަރިން އެއިޑް ބޭނުންނުކުރާ ގްރޫޕާއި އަޅާބަލާއިރު، ހިއަރިން އެއިޑް ބޭނުންކުރި ގްރޫޕްގެ ބައިވެރިންގެ ހަނދާނާއި ސަމާލުކަން ހުންނަ މިންވަރު ރަނގަޅު ކަމަށެވެ.

ހިއަރިން އެއިޑް ބޭނުންކުރި މީހުންގެ ރިއެކްޝަން ޓައިމް ވެސް އަވަސްކަމަށާއި، އޭގެއިން ދައްކުވައިދެނީ ކަންކަމަށް ސަމާލުކަންދެވޭ މިންވަރު ބޮޑުކަން ކަމުގައިވެސް ދިރާސާވެރިން ބުނެއެވެ.

މީގެ ކުރިން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ބީރުވުމަކީ ސިކުނޑި މަސައްކަތްކުރާ މިންވަރު ދަށްވުމާއި، ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ބޮޑުވުމާއި ގުޅިފައިވާ ކަމެއް ކަމަށެވެ.

ދިރާސާވެރިން ބުނާގޮތުގައި މިއީ ހިއަރިން އެއިޑް ބޭނުންކުރުމުގެ އަސަރުތަކާއި ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު އެއް ދިރާސާ ކަމަށާއި، ތަހުލީލްތަކުން ދެއްކި ގޮތުގައި ހިއަރިން އެއިޑް ބޭނުންކުރުމަކީ ސިކުނޑި ރައްކާތެރިކޮށްދޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިކަން ކަށަވަރުކުރުމަށްޓަކައި އަދި އިތުރަށް ދިރާސާކޮށް، ކްލިނިކަލް ޓްރައަލްތައް ވެސް ހިންގަން ޖެހެއެވެ.

މި ދިރާސާގެ ލިޔުންތެރިއެއް ކަމުގައިވާ ކްލައިވް ބެލާޑް ވިދާޅުވީ މެދުއުމުރުގައި މަސައްކަތްކޮށްގެން ޑިމެންޝިއާ ޖެހުމުގެ ފުރުސަތު 1/3 ކުޑަކޮށްލެވޭނެ ކަމަށެވެ. އަދި ހިއަރިން އެއިޑެއް ބޭނުންކުރުމަށް ޑޮކްޓަރަކު އިރުޝާދުދީފިނަމަ، ރަނގަޅު އެއިޑެއް ބޭނުންކުރުމަށްވެސް އޭނާ ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.