2023 ވަނަ އަހަރުގެ އިންޑިއަން އައިލެންޑް އޯޝެން ގޭމްސް ރާއްޖޭގައި ބޭއްވުމަށް ހުށަހަޅަން ޖެހޭ ރަސްމީ ބިޑް ހުށަހަޅައިފިއެވެ.
މޮރިޝަސްގެ އިންޓަރކޮންޓިނެންޓަލް ހޮޓަލްގައި މިއަދު ބިޑް ހުށަހެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބިޑް ހުށަހަޅާފައިވަނީ، ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފެވެ.
2023 ވަނަ އަހަރުގެ އިންޑިއަން އައިލެންޑް އޯޝެން ގޭމްސް ބޭއްވުމަށް ރާއްޖޭގެ އިތުރުން ބިޑް ހުށަހަޅާފައިވަނީ، މަޑަގަސްކަރ އަދި ކޮމޮރޮސް އިންނެވެ.
ބިށް ހުށަހެޅުމަށް ފަހު، މިނިސްޓަރު މަހުލޫފް ވިދާޅުވީ، އައިއައިއޯޖީ އަކީ ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ ގޭމްސް އެެއް ކަމަށާއި، އަދި އެއީ ރާއްޖެއިން ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތް ކަމަށެވެ.
މިނިސްޓަރު މަހުލޫފް އިތުރަށް ވިދާޅުވީ، ކަނޑު ހުރަސްކޮށް އެ މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއިން އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ދަތުރުކުރާތާ 40 އަހަރުވީ ކަމަށާއި، އަދި އެންމެ ފަހަރަކުވެސް މުބާރާތުގައި ބައިވެރިނުވެ ދޫކޮށްލާފައިނުވާނެ ކަމަށެވެ.