ދާދިފަހުން އަޔެކްސް އެމްސްޓެޑަމް އިން ޔުވެންޓަސް އަށް ބަދަލުވި ނެދަލޭންޑްސްގެ އުއްމީދީ ޑިފެންޑަރު މަތައިސް ޑި ލިޓްގެ އަމާޒަކީ ކުރިއަށް އޮތް ސީޒަނުގައި އެ ޓީމާއެކު ހުރިހާ މުބާރާތެއް ކާމިޔާބުކުރުންކަމަށް ބުނެފިއެވެ.

އުމުރުން 19 އަހަރުގެ ޑި ލިޓް ޔުވެންޓަސް އަށް ބަދަލުވެ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، އެ ޓީމުން އޭނާ ގެނައުމަށް 75 މިލިއަން ޔޫރޯ (85 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ އެއް އަޔެކްސް އަށް ވަނީ ދައްކާފައެވެ. 

ޔޫރަޕްގެ ބޮޑެތި ކްލަބުތައް ކަމަށްވާ ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޕީއެސްޖީގެ ހުށަހެޅުންތަކަށް ފުރަގަސްދިނުމަށްފަހު ޔުވެންޓަސް އަށް ބަދަލުވީ އެ ކްލަބަށާއި އިޓަލީގެ ޑިފެންސިވް ކުޅުމަށް އޮންނަ ހާއްސަ ލޯތްބެއްގެ ސަބަބުން ކަމަށް ޑި ލިޓް ބުންޏެވެ. އަދި ޔުވެންޓަސްގެ ކުރީގެ ޑިފެންޑަރު ފަބިއޯ ކަނަވާރޯ އަކީ އޭނާގެ ފޭވަރިޓް ކުޅުންތެރިއަކަށްވާތީވެ، އެެ ފަދަ މޮޅު ޑިފެންޑަރަކަށް ވާން ބޭނުންވާކަމަށްވެސް ޑި ލިޓް ބުންޏެވެ.

މީގެއިތުރުން، ޑި ލިޓް ބުނީ މިހާ ޒުވާން އުމުރުގައި އަޔެކްސް އާއެކު ގިނަ ތަޖުރިބާތަކެއް ލިބިފައިވީނަމަވެސް، އަދިވެސް ދަސްކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރިކަމަށާއި، ޖިއާންލުއިޖީ ބުފޮން އާއި ޖިއޯޖިއޯ ކިއެލީނީގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ތަޖުރިބާކާރު ކުޅުންތެރިންގެ އެހީގައި އިތުރު ކުރިއެރުންތައް ހޯދޭނެކަމަށް ގަބޫލުކުރާކަމަށެވެ.

ޑި ލިޓް ހޯދަން ކުރި މަސައްކަތުގައި ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ވެސް ބައިވެރިވިއެވެ. މިދިޔަ މަހު އޮތް ނޭޝަންސް ލީގުގެ ފައިނަލު މެޗަށް ފަހު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާ ގުޅެން ޑި ލިޓަށް ދައުވަތު ދީފައެވެ. ޑި ލިޓް ބުނީ ރޮނާލްޑޯ ފަދަ ކުޅުންތެރިއެއްގެ ހުށަހެޅުމެއް ލިބުމުން ވަރަށް ބޮޑަށް އުފާވެ ހިތްހަމަޖެހުނުކަމަށާއި އޭގެކުރީންވެސް އޭނާ އޮތީ ޔުވެންޓަސް އަށް ބަދަލުވުމަށް ނިންމާފައިކަމަށެވެ.

އޭނާ އިތުރަށް ބުނީ، ޔުވެންޓަސް އަށް ބަދަލުވުމުގެ ކުރީން އެ ޓީމުގެ މިހާރުގެ ކޯޗު މައުރީޒިއޯ ސާރީއާ ފޯނުން ވާހަކަދެއްކި ކަމަށާއި، އޭނާ އެކު މަސައްކަތްކުރުމަކީ ވެސް މި ޓީމަށް ބަދަލުވުމުގެ ފަހަތުގައި އޮތް ސަބަބެއް ކަމަށެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި، ޔުވެންޓަސް އިން ވަނީ ޑި ލިޓްގެ އިތުރުން ކުރީގެ ގޯލްކީޕަރު ބުފޮން އާއި އާރޮން ރަމްސޭ އަދި އެޑްރިއެން ރަބިއޯގެ އިތުރުން ކްރިސްޓިއަން ރޮމޭރޯ އާއި ލޫކާ ޕެލެގްރިނީ އަދި މެރިހް ޑެމިރާލް ގެނެސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.