މާތް ﷲ އިންސީންނާއި ޖިންނީން މި ދުނިޔެއަށް ފޮނުއްވެވީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެއީ އަޅުގަނޑުމެން މި ދުނިޔެ ފޮނުއްވެވުނު މަޤުސަދެވެ. ނަމަވެސް މި މަތިވެރި މަޤުސަދު އަޅުގަނޑުމެންގެ ކޮށި ވިސްނުމުން މިވަނީ ފޮހެވިފައެވެ. ދުނިޔޭގެ ލައްޒަތާއި، އަރާމުގެ ދަލުގައި އިންސާނާ އެވަނީ ރަނގަޅަށް ހައްޔަރުވެ މަރުދަން ޖެހެން ކައިރިވެފައެވެ.

މުދާވެރި އިންސާނާއެކެވެ. ދުނިޔެ މަތީގައި ތިބާއަކީ ތަނަވަސް އިންސާނަކީމުއެވެ. ތިމާގެ މުދަލާއި މެދު ތިބާ ބޮޑާވަމުއެވެ. ޒަކާތް ދެއްކުމަށް ތިމާ ދެކޮޅު ހަދަމުއެވެ. ބޭނުން ޖެހިގެން ތިބާގެ ފައިބުޑަށް ވެއްޓި އާދޭސް ކުރާ މީހުންނަށް ތިމާ ދިނީ ބީރު ކަންފަތެކެވެ. ތިމާގެ މުދަލުން ތިމާ ސަދަޤާތެއް ނުކުރެއެވެ. އެ މުދާ ތިބާ ހޭދަކުރީ ދުނިޔޭގެ އުފަލާއި އަރާމަށެވެ. ފާހިޝް ކަންކަން ކުރުމާއި، މުންކަރާތްތަކަށް އަރައިގަތުމަށެވެ. ދުނިޔޭގެ އެދުންވެރިކަމުގައި ތިމާގެ ދުވަސްތައް ގުނަމުން ދާއިރު، މަރު މަތިން ހަނދާން އެބަހުރި ތޯއެވެ؟ މަރަކީ ޔަޤީނުންވެސް ބައްދަލު ކުރާނެ އެއްޗެކެވެ. ކޮން ވަގުތު ކޮން އިރަކު ކަމެއް ނޭނގެއެެވެ. އެ ދުވަހަކުން ތިމާގެ ތި މުދާވެރިކަމުން ފައިދާއެއް ނުކުރާނެތެވެ. ފައިދާ ކުރާނީ އެ މުދާ ހެޔޮގޮތުގައި ހޭދަކޮށްފައިވާ ނަމައެވެ.

ރައްޔިތުންގެ މައްޗަށް އިސްކުރެވިފައި ތިބޭ ވެރީންނޭވެ! ތި ވެރީންގެ ޒިންމާ ނުހަނު ބޮޑެވެ. ޒިންމާ އިންތިހާއަށް ބޮޑެވެ. ރައްޔިތުންގެ ބައިތުލްމާލަށް ވަފާތެރިވާށެވެ. ހަމަހަމަކާއި އެކު ކަންކަން ކުރުމަށް  އިސްކަން ދޭށެވެ. ތެދުވެރިކަން އިސްކުރާށެވެ. ބޮޑާވެރި ކަމާއި، ކިބުރުވެރިކަމުގެ ކަނޑުގައި ތިބާ ޤަރަގުވެ ދިޔަ ނުދޭށެވެ. މަރު އައިސް ތިބާއާއި ބައްދަލު ކުރާ ދުވަހުން ތިބާގެ ވެރި ރަސްކަލާނގެ ހަސްރަތައް ހިނިތުންވުމާއި އެކު ދެވޭތޯ މަސައްކަތް ކުރާށެވެ.

އަދުލް އިންސާފު ޤާއިމް ކުރަން ތިބޭ ފަނޑިޔާރުންނޭވެ! އިންސާފުވެރި ކަމާއި އެކު ނިޔާ އިއްވައިގެން ސުވަރުގެއަށް ވަންނާށެވެ. އަދި ބޭއިންސާފުން ނިޔާ އިއްވައި، ނަރަކައިން ޖާގައެއް ކަށަވަރު ކުރާށެވެ. ބޮލުގައި އެޅިފައި ތިވަނީ ބޮޑު މަސްއޫލިއްތަކެވެ. ރިޝްވަތުގެ ދައުވަތައް ނުހެއްލޭށެވެ. އެ ދައުވަތު ޤަބޫލުކޮށް، ދުނިޔޭގެ އުފަލަށްޓަކައި އުހުރަވީ ހަޔާތް ބަނަކޮށް ނުލާށެވެ.

ލޮބުވެތި ޒުވާނާއެވެ! މަގު އޮޅި ކަށިބޯ ޖަންގައްޔަކަށް ނުވަންނާށެވެ. އެ ޖަންގަލިން ތިމާ ދަތުރުކުރާއިރު، ފައިގެ ފުންނާބަށް ހެރޭ ކޮންމެ ކަށްޓަކީ ވިހަގަދަ ކަށްޓެކެވެ. އެފަދަ ކޮންމެ ކަށްޓަކީ ތިމާގެ ވެރި އިލާހާއި ތިމާ ދުރުކުރުވާ ދުނިޔޭގެ އެދުންވެރިކަމާއި ތިބާ ގާތްކުރުވާނެ ކަށްޓެވެ. އެހެންކަމުން އެކަށިތަކުން ސަލާމަތްވެ، ސަލާމާއި، ބަރަކާތުގެ މަގު އިހްތިޔާރު ކުރާށެވެ. ޒުވާން ކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. މުސްކުޅިވެ ގައިބާރު ދެރަވުމުގެ ކުރިން ހެޔޮއަމަލުތައް ކުރުން ގިނަ ކުރާށެވެ. ކާމިޔާބާއި ފަލާހް ލިބުމަށް އަވަސްވެ ގަންނާށެވެ.

އޭ ލޮބުވެތި އަޙާއެވެ! ލޮބުވެތި އުޙްތާއެވެ! ދުނިޔެއަކީ ވަގުތީ އާލަމެކެވެ. މިއީ ބޮޑެވެގެންވާ އިމްތިހާނެކެވެ. މި އިމްތިހާނުން "އޭ" ރިޕޯޓް ހޯދައިގެން އާހިރަތުގެ އުފާވެރިކަން ހޯދަމާ ހިނގާށެވެ. ދުނިޔޭގެ އެދުންވެރިކަން އިސްކޮށްގެން އާހިރަތުގައި ލިބޭނެ ފައިދާއެއް ނޯންނާނެއެވެ.

އަލް މަހްރޫމް އައް ނަބީލާ ޖައުފަރު ކަމާލުއްދީން ވިދާޅުވަނީ:

" ދުނިޔެމީ ހެއްލުންތެރިންގެ މަޤާމެކޭ ބަލަ ދަސްކުރޭ!

         ދުނިޔެ އެދިގެން އާހިރަތު ނުލިބޭނެކަން ވިސްނާ ހުރޭ!"

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.