އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތްކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި 1-0 އިން ސެނެގޯލް ބަލިކޮށް އަލްޖީރިއާ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ 1990 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތް ކާމިޔާބުކުރި ފަހުން އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ފައިނަލްގައި ބަލިވި ސެނެގޯލަށް މިހާތަނަށް މި މުބާރާތް ކާމިޔާބުކުރެވިފައެއްނުވެއެވެ.

ސެނެގޯލުން ރޭގެ މެޗަށް ނިކުތްއިރު، ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ އިތުބާރު ޑިފެންޑަރު ކަލިދޫ ކުލީބަލީ އަށް ނުކުޅެވުމެވެ. އެގޮތުން، ރޭގެ މެޗަށް އެ ޓީމު ނިކުތީ އެންމެފަހުން ސެމީ ފައިނަލްގައި ޓިއުނީޝިއާ އަތުން 1-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެކަމަކު އަލްޖީރިއާ އިން ރޭގެ ނިކުތްއިރު އެންމެފަހުން ސެމީގައި ނައިޖީރިއާ އަތުން 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ބަދަލެއްގެނެސްފައެއްނުވެއެވެ.

މިސްރުގެ ގާހިރާގެ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އިސްމާއިލް ބެންނެސާ ދިން ބޯޅައަކުން ބަގުދާދު ބޫނެޖާ ކާމިޔާބުކުރި ގޯލުން އަލްޖީރިއާ ވަނީ ލީޑްނަގާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އަލްޖީރިއާ އަށް ލަނޑުޖެހުމަށް ދެން އިތުރު ފުރުޞަތެއް ތަނަވަސްކުރެވިފައިނުވާއިރު، ސެނެގޯލަށް ވަނީ ރަނގަޅު ތިން ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެގޮތުން، އެ ޓީމުގެ ޗީކް ކުޔާޓޭ ބޮލުން ފޮނުވާލި ބޯޅައަކާއި، އެމްބާއޭ ނިއަން ފޮނުވާލި ހަމަލާ ދަނޑިކައިރިން ބޭރަށްދިޔައިރު، ހެންރީ ސައިވެޓް ފޮނުވާލި ބޯޅަ އަލްޖީރިއާގެ ގޯލްކީޕަރު ރައިސް އެމްބޮޅީ މަތަކުރިއެވެ.

ދެވަނަ ހާފުގައި ސެނެގޯލުން ޑޮމިނޭޓްކުރިނަމަވެސް، ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ހާފުގެ ކުރީކޮޅު، އެ ޓީމުގެ ސަަޑިއޯ މާނޭ ފޮނުވާލި ހަމަލާ ގޯލްގެ ދަނޑިކައިރިން ބޭރަށްދިޔައިރު، އޭގެފަހުން ޔޫސުފް ސަބާލީ އާއި ސައިވެޓް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އަލްޖީރިއާގެ ކީޕަރު އެމްބޮޅީ އެވެ.

މީގެއިތުރުން، މި ހާފުގައި ރެފްރީ ވަނީ ސެނެގޯލަށް ޕެނަލްޓީއެއް ދިނުމަށްފަހު، ފަހުން އެ ނިންމުން ބަދަލުކޮށްފައެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށްފަހު ރެފްރީ ނިންމީ ޕެނަލްޓީ ނުދޭށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސެނެގޯލްގެ ކޯޗު އަލިއޫ ސިސޭ ބުނީ މުޅި މެޗުގެ ކުޅުމަށް ބަލާއިރު މިއީ ނަތީޖާ އެއްވަރުކުރެވެން ޖެހޭނެ މެޗެއްކަމަށާއި، ހުރިހާ މައްސަލައެއް ދިމާވީ މެޗުގެ ކުރީކޮޅު ބައިކޮޅަށް ގޯލެއް ވަނުމުން ކަމަށެވެ.

އަލްޖީރިއާގެ ކޯޗު ޖަމީލް ބެލްމާދީ ބުނީ ސެނެގޯލް ފަދަ ވަރުގަދަ ޓީމެއް އަތުން މޮޅުވެވުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަމަށާއި، ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.