ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މޮރިޝަސްގެ ވަގުތީ ރައީސްއާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް ޞާލިހްގެ ދެކަނބަނލުން މިހާރު މޮރިޝަސްއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައ، ރައީސް އެގައުމުގެ ވަގުތީ ރައީސް، ހިޒް އެކްސެލެންސީ ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އާއި ބައްދަލުކުރެއްވީ މިއަދުގެ ވަގުތެއްގައެވެ.
ރައީސް އޮފީހުން ވިދާޅުވީ، އެ ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުމާއި، ކުރިމަގުގައި މި ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށާއި އަދި، ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ދެޤައުމަށްވެސް ވަރަށް އެއްގޮތް ގޮންޖެހުންތަކަކަށް ވާތީ އެފަދަ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސް ޞާލިހްގެ ދެކަނބަނލުންނަށް ވަނީ އިއްޔެ އެގައުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔުއްވާފައެވެ. އަދި ރައީސް ވަނީ އެކަމަށް ޝުކުރުވެސް އަދާކުރައްވާފައެވެ.
ރައީސް ޞާލިހް މިހާރު މޮރިޝަސްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ވަގުތީ ރައީސްގެ ދައުވަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.