ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ ފިޓްނަސް އެކްސްޕޯ ފަށައިފިއެވެ. 

ނޭޝަނަލް އާޓްސް ގެލެރީގައި ފެށި މި އެކްސްޕޯ ހުޅުވައިދެއްވީ، ކުޑަހުސެން ސްޕޯޓްސް އެކަޑަމީގެ ރައީސް އަދި ކުރީގެ މަޝްހޫރު ދުވުންތެރިޔާ ހުސައިން ހަލީމެވެ.

އިންސައިޓު ކޮންސަކްޓަންސީ ސާވިސް (އައި.ސީ.އެސް) އިން އިންތިޒާމުކޮށް ފެށި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތިގައި ވާހަކަ ދައްކަވަމުން ހުސެއިން ހަލީމު ވިދާޅުވީ، މި ފަދަ އެކްސްޕޯތަކަކީ ވަރަށް މުހިންމު އަދި ބޭނުންތެރި އެކްސްޕޯއެއް ކަމަށެވެ. އަދި އަލަށް ކަަމެއް ފަށާއިރު ތަރުޙީބު ކުޑަނަމަވެސް، މުސްތަގުބަލުގައި މިފަދަ ކަންކަމަށް ލިބޭ ތަރުހީބު އިތުރުވެގެންދާނޭކަންވެސް ހުސައިން ފާހަަގަކުރެއްވިއެވެ. ހުސައިވަނީ މާޒީގައި ފުރަތަމަ ބޭއްވި ބައިސްކަލް މުބާރާތާއި ފެތުމުގެ މުބާރާތް ދިޔަގޮތް ހިއްސާކޮށްދެއްވާފައެވެ.


އެކްސްޕޯއާއި ގުޅޭގޮތުން ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެއްވަމުން އައި.ސީ.އެސްގެ ސޭލްސް އެންޑް މާކެޓިން ކޯޑިނޭޓަރ އާމިނަތު އިނާން ޢަލީ ވިދާޅުވީ، މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ސިއްޙަތަކަށް މުޖުތުމަޢު ހޭލުންތެރި ކުރުވުމެވެ. ރާއްޖޭގައި ބޮޑެތި ބަލިތައް މަދު ނަމަވެސް ޑައިބަޓިސް، ލޭމައްޗަށް ދިޔުން ފަދަ ބަލިތަކުން ދުރުވެވޭނެ ގޮތްތައް މުޖުތަމައުގެ ފަރުދުންނަށް އެނގެން ޖެހޭކަމަށްވެސް އިނާން ވިދާޅުވިއެވެ. 

އިނާން އިތުރަށް ވިދާޅުވީ، އެކްސްޕޯގައި އެކި ސެޝަންތަކުގައި ރާއްޖޭގެ ނަން މަޝްހޫރި ފިޓްނަސް ކުލަބުތަކުންނާއި ޖިމްތަކުން ކުލާސްތައް ނަގައި ދޭނެކަމަށެވެ. އަދި ދުޅަހެޔޮ ހަށިގަނޑެއް ބިނާކުރުމަށް ބޭނުންވާ މައުލޫމާތުވެސް އެކްސްޕޯގެ ތެރެއިން ލިބިގެންދާނޭކަމަށްވެސް އިނާން ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ދެމިގެންދާ މި އެކްސްޕޯގައި 10 ސްޓޯލަކާއި 02 ޑެސްކެއް ހުންނާނެއެވެ. އެގޮތުން މަޝްހޫރު ޖިމްތަކާއި، ފިޓްނަސް ކުލަބު ތަކާއި، ނިއުޓްރިޝަން އެތެރެކޮށް ވިއްކާ ފަރާތްތަކުންނާއި، ކަރާޓީ ދަސްކޮށްދޭ ފަރާތްތަކުގެ ސްޓޯލްތައްވެސް ދަނީ ފޯރިއާއެކު ހިނގަމުންނެވެ.

އިނާން އިތުރަށް ވިދާޅުވީ، އެކްސްޕޯއަށް އާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން ދާކަމަށެވެ. އަދި ދުޅަހެޔޮ ހަށިގަނޑެއް ހޯދުމަށް އެދޭ ހުރިހާ ފަރާތްތަކުންވެސް އެކްސްޕޯގައި ބައިވެރިވެ މުހިންމު މައުލޫމާތުތައް ހޯދާ ސުވާލުތަކުގެ ޖަވާބުތައް އޮޅުންފިލުވުމަށް އިނާން ވަނީ ދައުވަތު ދެއްވާފައެވެ.

އެކްސްޕޯ ކުރިޔަށް ދާއިރު، އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް އެކި އިނާމުތައް ހުށަހަޅާފައިވެއެވެ. އެގޮތުން ބައެއް ޖިމްތަކުން އެއް މަސް ދުވަހު ހިލޭ މެންބަރޝިޕް ކާޑު ފަދަ އިނާމުތައް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ފްލައިމީއިން ސްޕޮންސަރކޮށްފައިވާ "ވިޒިޓް އެންޑް ވިން" ގެ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތުވެސް އެބައޮތެވެ. އެކްސްޕޯއަށް ވަންނާކަށް ޓިކެޓެއް ގަންނާކަށް ނުޖެހޭނެއެވެ. ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހިލޭ ހުޅުވާލެވިފައެވެ.

ކޮންމެ ދުވަހަކުވެސް މެންދުރުފަހު 14:00އިން ފެށިގެން އެކްސްޕޯ ހުޅުވިފައި ހުންނާނެއެވެ. އެކްސްޕޯ ނިންމުމަށް ހަމަޖެހިފައިވަނީ 21 ޖުލައި 2019 ވަނަ ދުވަހު ރޭ 22:00ގައެވެ. މި އެކްސްޕޯގެ މީޑިއާ ޕާޓްނަރަކީ ޖަޒީރާނިއުސް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.