އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ޖާޒީތައް އަންދާލަން ގޮވާލާފައިވާތީ ފީފާ އިން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޖިބްރީލް ރަޖޫބް އަށް ދިން ސަސްޕެންޝަން އުވާލުމަށްޓަކައި އެ މައްސަލަ އިސްތިއުނާފްކުރުމުން ކޯޓް އޮފް އާބިޓްރޭޝަން ފޯރ ސްޕޯޓް (ސީއޭއެސް) އިން ބަލައިނުގަތުމަށް ނިންމައިފިއެވެ.

އޭނާ އެގޮތަށް ގޮވާލީ، އެންމެފަހުގެ ވޯލްޑްކަޕަށް ތައްޔާރުވުމަށްޓަކައި މިދިޔަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އާޖެންޓީނާ އާއި އިޒްރޭލުން ގުދުސްގައި އެކުވެރިކަމުގެ މެޗެއް ކުޅެން ރޭވުމުންނެވެ. 

ރަޖޫބް ވަނީ އެ މެޗަކީ އިޒްރޭލުން ސިޔާސީ މަންފާއެއް ހާސިލްކުރަން ކުޅޭ މެޗެއް ކަމަށް ވިދާޅުވެ، މެޗު ނުކުޅުމަށް މެސީ އާއި އާޖެންޓީނާގެ ކިބައިން އެދިފައެވެ. އަދި މެސީގެ އެތައް މިލިއަން ސަޕޯޓަރުންނެއް އަރަބި އަދި މުސްލިމް ގައުމުތަކުގައި ތިބޭ ކަމަށާއި، މެސީގެ ނަން ޖަހާފައިވާ ހުރިހާ ޖާޒީތަކާއި ޕޯސްޓަރުތައް އަންދާލަން ރަޖޫބް ގޮވާލެއްވިއެވެ.

އެކަމަކު ފަހުން އެ މެޗު ކެންސަލްކޮށްފައިވަނީ، ފަލަސްތީނުގެ ސަޕޯޓަރުންގެ ޕްރެޝަރު ބޮޑުވުމުގެ ސަބަބުންނާއި، މެސީ އާއި އޭނާގެ އާއިލާގެ އިތުރުން އާޖެންޓީނާ ޓީމުގެ ކުޅުންތެރިންނަށް އިންޒާރުދިނުމުން، އެ ފަދަ މާހައުލެއްގައި މެޗު ނުކުޅެން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމުމުންނެވެ.

ފީފާގެ ޑިސިޕްލިނަރީ ކޯޑްގެ 53 ވަނަ މާއްދާއާއި ހިލާފުވެފައިވާތީވެ، އެ އިދާރާ އިން ވަނީ އަދަބެއްގެ ގޮތުން މިދިޔަ ޖުލައި މަހުގައި ރަޖޫބް އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށް 20،300 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފައެވެ. 

ފީފާގެ މި ސަސްޕެންޝަނުގެ ސަބަބުން، ރަޖޫބަށް މަނާވާނީ ރަސްމީ ހައިސިއްޔަތުން މެޗުތަކަށް ވަނުމާއި މެޗު އޮންނަ ދުވަސްތަކުގައި ސްޓޭޑިއަމް ސަރަހައްދުގައި ބާއްވާ މީޑިއާ ހަރަކާތްތަކުގައި ބައިވެރިވުމެވެ. ފަހުން ރަޖޫބް އެ މައްސަލަ އިސްތިއުނާފްކުރިނަމަވެސް، ސީއޭއެސް އިން ވަނީ ފީފާ އިން ދިން އަދަބު ތަންފީޒުކުރަން ނިންމާފައެވެ.

މީގެކުރީން، މިދިޔަ މެއި މަހު ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން އިޒްރޭލުގެ ބެއިތާރު ފުޓްބޯޅަ ކްލަބާ ދެކޮޅަށް ގުދުސްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗު ނުކުޅުމަށް ފަލަސްތީނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެދުނު ނަމަވެސް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެކަމަށް އިޖާބަދީފައެއްނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.