ސްރީ ލަންކަން އެއަރލައިންގެ ފްލައިޓު ބޮޑުތަނުން ޑިލޭވެ، ދަތުުވެރިންގެ ޝަކުވާތައް އަޑުއަހަންވެސް ދެކޮޅު ހަދައިފިއެވެ.
ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެމުން، ފުލައިޓުން ލަންކާއިން ރާއްޖެއަށް ފުރަން ގޮސްހުރި ފަސިންޖަރަކު ބުނީ، ސްރީ ލަންކަން އެއަރލައިންގެ ފްލައިޓު ޔޫއެލް 103 ފުލައިޓުގެ ޗެކިން ފެށީ މިއަދު ހަވީރު 3:55ގައި ކަމަށެވެ. ނަމަވެސް ފްލައިޓު ފުރަން ހަމަޖެހިފައިވާ ގަޑި ކައިރިވުމުން އެ ގަޑީގައި ފްލައިޓު ނުފުރޭކަން އިއުލާނުކުރީ ދެން ފްލައިޓު ފުރާނީ މިރޭ 7:55ގައި ކަަމަށެވެ. ކުރިން 6:55ގައި ފުރަން އޮތް ފްލައިޓް ދެވަނަ ފަހަރަށް 9:00އަށް ޑިލޭވެ، ދަތުރުވެރިންގެ ޝަކުވާތައް ކުރަން ފެށުމުން އޮފިޝަލުން މުއާމަލާތްކޮށްފައިވަނީ ވަރަށް ބޭއަދަބީކޮށް ކަމަށްވެސް އެ ފަރާތުން މައުލޫމާތު ދެއެވެ.
ފްލައިޓުން ފުރަން ދިޔަ މީހުން އެތައް ގަޑިއިރެއްވަންދެން ކޮޅަށް ތިބެން ޖެހުނުކަމަށާއި، އިށިންނާނެ ތަނެއްވެސް ނުދައްކާކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ. އެ ފަރާތުން އެންމެ ބޮޑުކޮށް ފާހަގަކުރި ކަމަކީ ފްލައިޓު 3 ގަޑިއިރަށްވުރެ ގިނަ ވަގުތަށް ޑިލޭވެގެން ދާއިރުގައި ދަތުރުވެރިންނަށް ކެވޭނޭ އިންތިޒާމެއްވެސް ހަމަޖައްސައި ނުދިނުމެވެ. ގިނަ ދިވެހިން ކާން ބޭނުންވެގެން އެކަމަށް ލަންކާ އެއަރލައިންގެ މުވައްޒަފުން ކުރެން އެދުމުން އެއީ އެ އެއަރލައިނުން ހަމަޖައްސަން ޖެހޭނެ ކަމެއް ނޫންކަމަށް މުވައްޒަފު ޖަވާބު ދެއްވިކަމަށްވެސް އެ ފަރާތުން މައުލޫމާތު ދެއެވެ.
އަދި ކުޑަކުދިންނަށް ކާން ދޭން ބޭރަށް ދާން އެދުމުން އެ ފުރުދަތުވެސް ނުދިން ކަމަށާއި، މުވައްޒަފުން އަމަލުކުރަނީ ރަހީނުކޮށްފައިވާ ބަޔަކާއި ދޭތެރޭ ކަންތައް ކުރާހެން ނާތަހުޒީބު އަދި ބޭއަދަބީ ކޮށްކަމަށްވެސް އެ ފަރާތުން މައުލޫމާތު ދެއެވެ.
"އާންމުކޮށް އަޅުގަނޑަކީ ލަންކާ، ބެންގކޮކަށް ވިޔަފާރި ދަތުރު ކުރާ މީހެއް. ނަމަވެސް ފްލައިޓު ޑިލޭވާ ޙާލަތްތަކުގައި އެއަރލައިންތަކުން ވަރަށް ރަނގަޅަށް ކަންކަން އިންތިޒާމުކޮށްދޭ. މިއީ މުޅިން ތަފާތު ތަޖުރިބާއެއް. ފާޚާނާއަކަށް ނުދެވޭ. ކާއެއްޗެއް ނުދިންތާގަ ކާން ނުވެސް ފޮނުވި، ކޮޅަށް ތިބެން މި ޖެހެނީ. މި ދެން ރަހީނުކުރުން ކަހަލަ ކަމެއް" އެ ފަރާތުން ފާހަގަކުރިއެވެ.
ބޮޑު އަގުގަ ޓިކެޓު ގަނެގެން މިހެން ހާލުގައި ޖެހިފައި ތިބުމުން ގިނަ ދިވެހިން ޝަކުވާ ކުރަމުންދާކަމަށްވެސް އެ ފަރާތުން މައުލޫމާތު ދެއެވެ.