މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ޖަރުމަނުގެ ހުނަރުވެރި ވިންގާ ލެރޯއީ ސާނޭ އެ ކްލަބުގައި މަޑުކުރާނެކަމުގެ އުއްމީދު އެބައޮތްކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ސާނޭ ހޯދަން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން އަންނަނީ އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އެގޮތުން، ބަޔާނުން ކުރާ މަސައްކަތުގައި އެ ގައުމުގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި އެޑިޑާސް އިން ވެސް ބައިވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި، މީގެއިތުރުން ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ވެސް ވަނީ ބަޔާނަށް ބަދަލުވުމަށް ހިތްވަރުދީފައެވެ.

މިކަމާ ގުޅޭގޮތުން، މިއަދު މީޑިއާ އަށް ދިން އިންޓަވިއުގައި ގާޑިއޯލާ ބުނީ މިހާތަނަށް އައިއިރު ބަޔާންގެ އެއްވެސް ފަރާތަކުން ސާނޭއާ ބެހޭގޮތުން ވާހަކަދައްކާފައިނުވާކަމަށާއި އެއީ އަދިވެސް ސިޓީގެ ކުޅުންތެރިއެއް ކަމަށެވެ.

މީގެއިތުރުން، ޖަރުމަނުގެ ކުރީގެ ކުޅުންތެރިޔާ ލޮތާ މަތެއަސް ދާދިފަހުން އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ބުނީ މުސްތަގުބަލްގައި ބަޔާންގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަށް ސާނޭ ވުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

މިހާރު ކުޅެމުންދާ ޕްރިމިއާ ލީގުގެ އޭޝިއާ ޓްރޮފީ މުބާރާތުގައި މިދިޔަ ބުދަ ދުވަހު ވެސްޓްހޭމް ޔުނައިޓެޑް އަތުން 4-1 އިން ސިޓީ މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ވަނީ އެ ޓީމުގައި ހުންނަން ބޭނުންނުވާ ކުޅުންތެރިއަކު ލައްވައި ނުރުހުމުގައި ނުކުޅުވާނެ ކަމަށް ބުނެ، ސާނޭ އަށް އިންޒާރުވެސް ދީފައެވެ. އެ މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުތް ސާނޭ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ޖަރުމަނުގެ ޝާލްކޭ އިން 55 މިލިއަން ޑޮލަރުގެ ފީ އަކަށް 2016 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ސާނޭ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ބާކީ ދެ އަހަރު އޮތްއިރު، އާ ކޮންޓްރެކްޓް މަޝްވަރާތަކުގައި އަލިމަގެއް ފެނިފައެއްނުވެއެވެ. އެ ޓީމުގައި ފަހަކަށް އައިސް ސާނޭ އަށް ގަވާއިދުން ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުޞަތުނުލިބޭތީވެ، މީގެކުރީން އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި މިކަމާ ގުޅިގެން ގާޑިއޯލާއާ ސާނޭގެ ގުޅުން ހީނަރުވެފައިވާކަމަށްވެސް މީޑިއާގައި ވަނީ އަޑުއަރާފައެވެ.

އިނގިރޭސި ލީގުގެ އެންމެފަހުގެ ޗެމްޕިއަން ސިޓީ އަށް ކުރިއަށް އޮތް ސީޒަނަށް ނިކުންނައިރު ލިބިފައިވާ އެންމެ ބޮޑު ނުތަނަވަސްކަމަކީ، ނިމިދިޔަ ސީޒަނަށް ފަހު އެ ޓީމުގެ އިތުބާރު ކެޕްޓަން ވިންސެންޓް ކޮމްޕެނީ ވަނީ އެ ޓީމު ދޫކޮށްލާފައިވާއިރު، ބަދަލުގައި އިތުރު ކުޅުންތެރިއެއް ހޯދިފައިނުވުމެވެ. މީގެއިތުރުން، ކުރިއަށް އޮތް ސީޒަނަށް ސިޓީގެ ކެޕްޓަން ބޭންޑް އަޅާނެ ކުޅުންތެރިއަކު އަދި ނިންމާފައިނުވާ ކަމަށާއި އެ ކުޅުންތެރިއަކު އިހުތިޔާރު ކުރާނީ އެ ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސިޓީން މިހާތަނަށް އައިއިރު ގެނެސްފައިވަނީ ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު ރޮޑްރީ އާއި ފުލްބެކް އެންޖެލީނޯގެ އިތުރުން އެމެރިކާގެ ގޯލްކީޕަރު ޒެކް ސްޓެފަން އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.