ކުޅިވަރު
މާސޭ ބަލިކުރުމަށްފަހު އެޓަލަންޓާ ޔޫރޮޕާ ލީގުގެ ފައިނަލަށް

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ފްރާންސްގެ މާސޭ ބަލިކުރުމަށްފަހު އެޓަލަންޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ،

މާސޭގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެނެވެ. ނަމަވެސް، ބުރާސްފަތި ދުވަހުގެރޭ އެޓަލަންޓާގެ ދަނޑުގައި ކުޅުނު މެޗުން އެޓަލަންޓާ ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. މި ނަތީޖާއާއެކު އެޓަލަންޓާ ފައިނަލަށް ގޮސްފައިވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކާއެކު އެވެ.

ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އެޓަލަންޓާ އަށް ކުރި ހޯދައިދިނީ އަޑެމޯލާ ލުކްމަން އެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ގޯލުގެ ލީޑަކާއެކު އެވެ.

ދެވަނަ ހާފު ފެށިގެން ހަތް މިނެޓުގެ ތެރޭގައި އެޓަލަންޓާ އަށް ލީޑު ފުޅާކޮށްދިނީ މަޓެއޯ ރުގޭރީ އެވެ. މާސޭ އިން އެނބުރި މެޗުގެ ތެރެއަށް ވަންނަން މަސައްކަތް ކުރިނަމަވެސް، ކާމިޔާބު ވެފައެއް ނުވެ އެވެ. އިތުރު ވަގުތުގައި އެޓަލަންޓާގެ ތިންވަނަ ގޯލު ޖެހީ ބިލާލް ޓޯރޭ އެވެ.

މިއީ އެޓަލަންޓާ އިން ޔޫރަޕުގެ ފައިނަލެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ ޓީމުން ވަނީ 2021-2022 ގައި މި މުބާރާތުގެ ކުއާޓާ ފައިނަލް ކުޅެފަ އެވެ. އަދި މީގެކުރިން ޗެމްޕިއަންސް ލީގު ކުޅެފައިވާއިރު، 2019-2020 ގައި އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ވެސް ކުއާޓާ ފައިނަލް ކުޅެފަ އެވެ.

މި މަހު 22 ވަނަ ދުވަހު ކުޅޭ ފައިނަލުގައި އެޓަލަންޓާ ކުޅޭނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާ ލެވަކޫސަން އާއެވެ. އެ ޓީމު ފައިނަލަށް ގޮސްފައިވަނީ ރޯމާ ކަޓުވާލުމަށްފަހު އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top