ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ހޯދަން ބާސެލޯނާ އިން ކުރަމުން އަންނަ މަސައްކަތް އަދިވެސް ހުއްޓާނުލާކަމަށާއި، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އޭނާ އަށް ދެވަނަ ފަހަރަށް ބިޑްކޮށްފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބާސެލޯނާ އިން ވަނީ މީގެ ކުރިން އެ ޓީމުގެ ފިލިއްޕޭ ކުޓީނިއޯ އާއި އޮސްމާން ޑެމްބެލޭގެ އިތުރުން 44 މިލިއަން ޑޮލަރު ދިނުމަށް ފަހު ނޭމާ ގެންނަން މަސައްކަތްކޮށްފައެވެ. އެކަަމަކު ޕީއެސްޖީން އެ ހުށަހެޅުމަށް ފުރަގަސްދީފައިވަނީ، ނޭމާގެ ބަދަލުގައި އިތުރު ކުޅުންތެރިއަކު ބޭނުންނުވާތީވެކަމަށާއި، މީގެއިތުރުން އެ ކްލަބުން އޭނާ ދޫކޮށްލާނީ ޓްރާންސްފާ ފީ ގެ ގޮތުގައި އެންމެ މަދުވެގެން 250 މިލިއަން ޑޮލަރުގެ ހުށަހެޅުމަށް ލިބުމުންކަމަށެވެ.

އެންމެ ފަހުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، ބާސެލޯނާ އިން މި ފަހަރު ހުށަހަޅާފައިވަނީ 112 މިލިއަން ޑޮލަރުގެ އިތުރުން ހަ ކުޅުންތެރިންގެ ލިސްޓެކެވެ. އެ ލިސްޓްގައި ހިމެނޭ ކުޅުންތެރިންނަކީ ފިލިއްޕޭ ކުޓީނިއޯ އާއި އޮސްމާނޭ ޑެމްބެލޭ އަދި ނެލްސަން ސެމޭޑޯގެ އިތުރުން އިވާން ރަކިޓިޗް އާއި މެލްކަމް އަދި ސެމުއެލް އުމްޓީޓީ އެވެ. މީގެތެރެއިން ޕީއެސްޖީން ބޭނުންވާ ދެ ކުޅުންތެރިއަކު ނެގުމުގެ އިހްތޔާރުވަނީ ދީފައެވެ. ބެލެވޭގޮތުގައި، ބާސެލޯނާގެ މި ހުށަހެޅުމަށްވެސް ޕީއެސްޖީން އެއްބަސްވާނެކަމަށް ގަބޫލެއްނުކުރެވެއެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި، ބޮޑު އަގުގައި އިތުރު ކުޅުންތެރިއަކު ގެންދިއުމަށް ބާސެލޯނާ އަށް އެންމެ ބޮޑު ހުރަހަކީ، ދާދިފަހުން 135 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދެއްކުމަށްފަހު އެތުލެޓިކޯ މެޑްރިޑުން ގެނައި ފްރާންސްގެ އެންޓޮއިން ގްރީޒްމަން އެވެ. އެއީ ފައިނޭންޝަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދަށް އަމަލުކުރުމަށްޓަކައި ބާސެލޯނާ އަށް ނޭމާ ގެންދެވެން އޮތީ އިތުރު ކުޅުންތެރިން ވިއްކައިގެން ކަމަށްވާތީއެވެ. 

އެގޮތުން، ޑެމްބެލޭ އާއި ކުޓީނިއޯ އެކަށީގެންވާ އަގެއްގައި ވިއްކާލައިފިނަމަ ނޭމާ ގެންދިއުމަށްޓަކައި ކުރާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގެންދެވޭނެއެވެ. ނަމަވެސް، ޑެމްބެލޭގެ އިތުރުން ކުޓީނިއޯ އަށް ވެސް މިހާތަނަށް އެ ފަދަ އަގެއް ހުށަހަޅާފައެއްނުވެއެވެ. އެކަމަކު، ބައެއް މީޑީއާ ރިޕޯޓްތައް ބުނާގޮތުން، ޖަރުމަންގެ ބަޔާން މިއުނިކުން ޑެމްބެލޭ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވީނަމަވެސް، ބާސެލޯނާ އިން ބޭނުންވާ ވަރުގެ ބޮޑު އަގެއް ހުށަހަޅާނެކަމަށް ނުބެލެވެއެވެ.

ނޭމާއާ ގުޅިގެން މީޑިއާގައި ދެކެވޭ ވާހަކަތަކާއި ޕީއެސްޖީ ދޫކޮށްލަން ބޭނުންވާތީ އެކަމަށް އިޝާރާތްކޮށް، ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ނޭމާ ވިއްކާލާނެ ކަމަށް މީގެކުރީން އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ބުނެފައިވާއިރު, ދާދިފަހުން ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އެންމެފަހުގެ ކޮޕާ އެމެރިކާ މުބާރާތް ފެށުމުގެ ކުރީން ނޭމާ އެ ޓީމު ދޫކޮށްލަން ބޭނުންވާކަންޗ އޭނާ އަށް އެނގިފައިވާކަމަށެވެ.

މީގެއިތުރުން، ނޭމާގެ އޭޖެންޓް އޭނާގެ ބައްޕައާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފައިވަނީ ނޭމާގެ ވިސްނުން ހުރީ ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާ އަށް ކުޅުމަށް ކަމަށެވެ. އަދި ޕީއެސްޖީ ދޫކޮށްލާނަމަ ބަދަލުވާނީ ހަމައެކަނި ބާސެލޯނާ އަށް ކަމަށެވެ. އެކަމަކު ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާ އަށް ބަދަލުނުވެވިއްޖެނަމަ ޔުވެންޓަސްގެ އިތުރުން ރެއާލް މެޑްރިޑަށްވެސް ނޭމާ ބަދަލުވާން ބޭނުންވާކަމަށްވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.