ފުރަތަމަ ފަހަރަށް ދަރިފުޅު ފެންވެރުވުމަކީ ކޮންމެ މަންމައަކަށްވެސް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. އަދި އަލަށް ދަރިފުޅު ފެންވަރުވާއިރު ކަންބޮޑުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމާމެދު ކަންބޮޑުވާނަމަ، ތިރީގައި މިވާ އިރުޝާދުތައް ކިޔާލާށެވެ.

ކުޑަދަރިފުޅު ފެންވަރުވަންވާނީ ކިހާ ގިނައިން؟

ފެންވެރުވުމުން ދަރިފުޅުގެ ނާޒުކު ހަންގަނޑު މާބޮޑަށް ހިކޭނެއެވެ. އެހެންކަމުން ހަފްތާއަކު 2-3 ފަހަރު ދަރިފުޅު ފެންވެރުވުމުން ރަނގަޅުވާނެ އެވެ. ކޮންމެހެން ކޮންމެ ދުވަހަކު ދަރިފުޅު ފެންވެރުވުމަކީ މުހިންމު ކަމެއް ނޫނެވެ. އެހެންކަމުން ފޫޅު ވަކިވަންދެން ސްޕޮންޖް ބޭނުންކޮށްގެން ދަރިފުޅުގެ ގައިދޮވެލުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ސްޕޮންޖް ބޭނުންކޮށްގެން ދަރިފުޅުގެ ގައިދޮންނާނީ ކިހިނެއް؟

އެމެރިކަން އެކަޑެމީ އޮފް ޕީޑިއެޓްރިކްސް އިން ބުނާގޮތުގައި ފޫޅު ވެއްޓެންދެން ދަރިފުޅު ފެންވަރުވަން ޖެހޭނީ ސްޕޮންޖް ބޭނުންކޮށްގެންނެވެ.

1. ހަމަ، ސީދާ ތަނެއްގައި ދަރިފުޅު ބާއްވާށެވެ. އަދި އެތަނަކީ އެހާ ފިނިނޫން ތަނެއްކަން ޔަޤީންކުރާށެވެ.

2. ތެތް ސްޕޮންޖެއް ނުވަތަ ފޮތިކޮޅެއް ބޭނުންކޮށްގެން ދަރިފުޅުގެ ގައިދޮވެލާށެވެ.

3. ސާފުކުރަން ބޭނުންވާ ހިސާބުތައް ނޫން އެހެން ހިސާބުތަކުގައި ފޮތިގަނޑެއް އަޅާފައި ބަހައްޓާށެވެ. އެހެންނޫނީ ދަރިފުޅު މާބޮޑަށް ފިނިވެ، ރޯނގާޖެހި ނުވަތަ ދަރިފުޅަށް އުނދަގޫވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

4. ސްޕޮންޖް ނުވަތަ ފޮތިކޮޅު ތެންމުމަށް ބޭނުންކުރަންވާނީ ހޫނު ފެނެވެ. އަދި ސްޕޮންޖް ބޭނުންކޮށްގެން ދަރިފުޅުގެ މޫނު މަޑުމަޑުން ސާފުކޮށްލާށެވެ.

ކުޑަދަރިފުޅު ފެންވަރުވާނީ ކިހިނެއް؟

ހޫނުފެން ބޭނުންކޮށްގެން އެންމެ ފުރަތަމަ ދަރިފުޅުގެ މޫނު ދޮވެލުމަށްފަހު، ދެން އެހެނިހެން ގުނަވަންތައް ދޮންނާށެވެ. ކުޑަދަރިފުޅުގެ ހަންގަނޑު ހިކިވެފައި ނާޒުކުވާނެތީ، ފެންވެރުމުގައި 5-10 މިނެޓާއި ދެމެދަށްވުރެ ގިނަ ވަގުތު ހޭދަނުކުރާށެވެ. އަދި ގައިދޮވުމަށް ސައިބޯނި ބޭނުންނުކުރާށެވެ. ނަމަވެސް ބޭނުންނަމަ، ވަރަށް މަޑު، ވަސް ނުހުންނަ ކަހަލަ ބޮޑީ ވޮޝްއެއް ބޭނުންކުރެވިދާނެ އެވެ.

ދަރިފުޅު ފެންވެރުމުގެ ކުރިން ފެނުގެ ފިނިހޫނުމިން ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ބޮޑެތި މީހުންގެ ހަންގަނޑަށްވުރެ ކުޑަކުދިންގެ ހަންގަނޑު ނާޒުކުވާނެއެވެ. އެހެންކަމުން ދަރިފުޅު ފެންވެރުމުގެ ކުރިން އުޅަނބޮށި ނުވަތަ އަތުގެ ބޭރުފުށް ބޭނުންކޮށްގެން ފެނުގެ ފިނިހޫނުމިން ޗެކްކޮށްލާށެވެ. އަދި ދަރިފުޅު އެކަނި ފެނުގެ ތެރޭގައި ނުބަހައްޓާށެވެ. ކިތަންމެ ތިލަ ފެންގަނޑެއްގެ ތެރޭގައިވެސް އެހާ ކުޑަކުދިން ގެނބުމަކީ އެކަށީގެންވާ ކަމެކެވެ.

ކުޑަކުދިންނަކީ ފެނާއި ރައްޓެހި ބައެއް ނޫންކަމުން ފެންވެރުމަށް ހޭނުމަށް އެކުދިންނަށް ކުޑަ ދުވަސްކޮޅެއް ނަގާފާނެ އެވެ. އެހެންނަމަވެސް ތިން މަސް ވާއިރު، އެކުދިން ހުންނާނީ އެކަމަށް ހޭނިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.