ސްކިންކެއާ ޕްރޮޑަކްޓްތައް އުފެއްދުމުގައި އާންމުކޮށް ބޭނުންކޮށް އުޅޭ އެކައްޗަކީ އެލޯ ވޭރާ އެވެ. އެލޯ ވޭރާ ޖެލް އަކީ ފާރުގަނޑުތައް ރަނގަޅުކުރުމަށާއި، ހަންގަނޑު މޮއިސްޗުރައިޒްކުރުމަށް ބޭނުންކުރާ ޤުދުރަތީ އެއްޗެކެވެ.
މީގެ އިތުރުން އެލޯ ވޭރާ ޖެލް އިން މަރުވެފައިވާ ސެލްތައް މަޑުކޮށް، ނެއްޓުމަށް ފަސޭހަކޮށްދެ އެވެ. އޭގެ ސަބަބުން ހަންގަނޑު އަލިވެ، އޮމާންވެއެވެ. އަދި ވަރުގަދަ އެންޓިއޮކްސިޑެންޓަކަށް ވުމުގެ ސަބަބުން، އެލޯ ވޭރާ ޖެލް އިން މުސްކުޅިވުމުގެ އަލާމާތްތައް ހަންގަނޑުން ފެނުން ވެސް ލަސްކޮށްދެއެވެ. އަދި ހަމަ އެހެންމެ އެލޯ ވޭރާ ޖެލް އަކީ އެކްނޭ ކޮންޓްރޯލްކޮށް، އެކްނޭގެ ލަކުނުތައް މަދުކުރުމުގައިވެސް އެހީތެރިވެދޭ އެއްޗެކެވެ.
އެލޯ ވޭރާ އަކީ ވަރަށް ފަސޭހައިން ގޭގައިވެސް ހައްދާލެވޭނެ ގަހެކެވެ. މިއޮތީ އެލޯ ވޭރާ ގަސް ބޭނުންކުރެވިދާނެ ފައިދާހުރި ހަތަރު ގޮތަކެވެ.
1. ސީރަމްއެއް ގޮތުގައި ބޭނުންކުރުން
ސީރަމްތަކަކީ އާންމުކޮށް ވޯޓާ-ބޭސްޑް ފޯމިއުލާތައް ބޭނުންކޮށްގެން އުފައްދާ އެއްޗެހި އެވެ. އެލޯ ވޭރާގައި ގިނަ އަދަދަކަށް ފެނާއި، ވިޓަމިންސް އަދި އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވުމުން، އެލޯ ވޭރާ އިން ހަންގަނޑު ތާޒާކޮށްދީ، ހަންގަނޑުގެ ފޭރާންވެސް ރަނގަޅުކޮށްދެ އެވެ. ސީރަމްއެއްގެ ގޮތުގައި ޤަވާއިދުން އެލޯ ވޭރާ ބޭނުންކުރުމަކީ ހަންގަނޑު ޒުވާންކޮށްދީ، ތާޒާކޮށްދޭ ކަމެކެވެ. އަދި އޭގެ ސަބަބުން އިރުން ލިއްބައިދޭ ގެއްލުންތަކުންވެސް ހަންގަނޑު ރައްކާތެރިވެއެވެ.
ބޭނުންކުރާނެ ގޮތް: މޫނު ދޮވެލުމަށްފަހު ދުވާލަކު ދެ ފަހަރު އެލޯ ވޭރާ ޖޫސް މޫނުގައި ހޭކުމަށްފަހު ބައިގަޑިއިރު ވަންދެން ބަހައްޓާށެވެ. އަދި އެއަށްފަހު މޫނު ފެނުން ދޮވެލާށެވެ.
2. އެސްފިޔައާއި ބުމަ ދުޅަހެޔޮކޮށްދޭ
އެލޯ ވޭރާ ޖެލްއަކީ ބުމަ އާއި އެސްފިޔަ ނަރިޝްކޮށްދީ، ބުމަ އާއި އެސްފިޔައިގެ އިސްތަށި ފެޅުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެގޮތުން ކަފަބުރެއް ނުވަތަ ސާފު މަސްކާރާ ބުރުހެއް ބޭނުންކޮށްގެން އެސްފިޔައިގައި އާއި ބުމައިގައި އެލޯ ވޭރާ ޖެލް ހޭކިދާނެއެވެ.
ރޭގަނޑު ނިދާއިރު ބުމައިގައި ޖެލް ހޭކިނަމަވެސް، އެސްފިޔައިގައި ހޭކުން އެހާ ރަނގަޅެއް ނޫނެވެ. އެއީ ނިދާއިރު އެސްފިޔައިގައި ޖެލް ހޭކުމުން ހެނދުނު ހޭލާއިރު ލޯ ދުޅަވުން އެކަށީގެންވާތީ އެވެ. އެސްފިޔައިގައި ޖެލް ހޭކުމަށް އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ ޖެލްގެ ތެރެއަށް ޒައިތޫނި ތެޔޮފޮދެއް އަޅާފައި ހޭކުމެވެ. އަދި 15 މިނެޓަށް ބެހެއްޓުމަށްފަހު ތެތް ކަފަކޮޅަކުން ފޮހެލާށެވެ.
3. ފޭސް މާސްކް ހެދުމަށް ބޭނުންކުރެވޭ
އެއް މޭޒުމަތީ ސަމުސާ ގްރާމް ފްލާ އާއި ދެ ސައިސަމުސާ ޔޯގަޓް އާއި އެއް މޭޒުމަތީ ސަމުސާ އެލޯ ވޭރާ ޖެލް އެއްކޮށްލުމަށްފަހު، މޫނުގައި އުނގުޅާށެވެ. އަދި 30 މިނެޓަށް ބެހެއްޓުމަށްފަހު ދޮވެލާށެވެ.
4. އެންޓި-އެކްނޭ ސްޕްރޭ ހެދުމަށް ބޭނުންކުރެވޭ
40 އެމްއެލް މިނަރަލް ވޯޓަރ، ތިން ސައިސަމުސާ އެލޯ ވޭރާ ޖެލް އަދި ދެ ތިކި ޓީ ޓްރީ އޮއިލް އެއްކޮށްލުމަށްފަހު ސްޕްރޭ ފުޅިއަކަށް އަޅާފައި ހެލުވާލާށެވެ. އެއަށްފަހު އެކްނޭ ހުރި ތަންތަނުގެ މައްޗަށް ސްޕްރޭކޮށްލާށެވެ.
އެލޯ ވޭރާ ގަހުން ޖެލް ނަގާއިރު، ޖެލް ނެގުމުގެ ކުރިން ފަތް ރަނގަޅު ސާފުކުރަން ހަނދާން ކުރާށެވެ.