މަނީ ލޯންޑާކުރުމަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމަށް ނުކުރެއްވޭނެ ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާގެ މައްޗަށް އުފުލާފައިވާ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާއާ ގުޅިގެން ކްރިމިނިލް ކޯޓްގައި ކުރިއަށް ގެންދިޔަ ފުރަތަމަ އިބްތިދާއީ އަޑުއެހުންތަކަށް ފަހު އާޒިމާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ދައުވާ އަކީ ސައްހަ ދައުވާއެއްނޫން ކަމަށެވެ.
އާޒިމާ އިތުރަށް ވިދާޅުވުވެފައިވަނީ، ބިޝާމްއަށް އޭނާގެ މައްޗަށް ދައުވާ ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެއީ އޭނާ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށާއި އޭގެ ކުރިން އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ގާނޫނީ ލަފާ ދެއްވަން ހުންނެވީ ޕީޖީ ބިޝާމް ކަމަށެވެ.
އާޒިމާ ވިދާޅުވީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި އިރު ރައީސް އޮފީހުގެ ލީގަލް ކަންކަމާ ހަވާލުވެ، ލީގަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވީ ބިޝާމް ކަމަށެވެ.
ނަމަވެސް، އާޒިމާގެ އެ ވާހަކަތަކަށް ޕީޖީއިން ރައްދު ދެއްވިއެވެ. ޕީޖީން ރައްދުގައި ވިދާޅުވީ އެމައްސަލާގައި ކުށަކީ އެސްއޯއެފްއިން ޖަމާކުރި ފައިސާތަކުގެ މައްސަލަ ތަހުގީގު ކުރަނިކޮށް އެ ފައިސާތައް އެސްކްރޯ އެކައުންޓަށް ޖަމާކުރުމުގެ އެގްރިމެންޓާ ހިލާފުވެ ފައިސާގެ އަސްލު އޮޅުވާލުން ކަމަށެވެ. އެ އެގްރިމެންޓް ހެއްދެވީ އާޒިމާ ކަމާއި ލަފާ ދެއްވީ ވެސް އާޒިމާކަން ހެކިންގެ ހެކި ބަހުން އެނގޭ ކަމަށެވެ.