ޔޫރަޕްގެ ގިނަ ކްލަބުތަކުން ޝައުގުވެރިވި އަޔެކްސް އެމްސްޓެޑަމްގެ އުއްމީދީ ޑިފެންޑަރު މަތައިސް ޑި ލިޓް އެންމެ ފަހުން ޔުވެންޓަސް އަށް ސޮއިކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ޑި ލިޓް ވަނީ 75 މިލިއަން ޔޫރޯ (85 މިލިއަން ޑޮލަރު) ގެ ފީ އަކަށް ޔުވެންޓަސް އަށް ބަދަލުވެ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މީގެކުރީން، ބާސެލޯނާ އާއި ޕީއެސްޖީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން ގެންދަން މަސައްކަތްކުރ ޑި ލިޓްގެ ސޮއި ޔުވެންޓަސް އިން ހޯދީ ދުވަސްތަކެއްވަންދެން މަޝްވަރާކުރުމަށްފަހުއެވެ. އެގޮތުން، އޭނާގެ ޓްރާންސްފާ ފީ ދެއްކުމަށް ހަމަޖެހިފައިވަނީ ފަސް އަހަރަށް ބަހާލައިގެންކަމަށްވާއިރު، ޓްރާންސްފާ ފީގެ އިތުރުން ބޯނަސްގެ ގޮތުގައި 10.5 މިލިއަން ޔޫރޯ (11.8 މިލިއަން ޑޮލަރު) ދޭން ވަނީ އެއްބަސްވެފައެވެ.

2016 ވަނަ އަހަރު އަޔެކްސްގެ ސީނިއާ ޓީމުން ޖާގަ ހޯދި ޑި ލިޓް ވަނީ މިދިޔަ ސީޒަނުގައި އެ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައެވެ. އެގޮތުން، ނިމިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އަޔެކްސް ގެންގޮސްދިނުމުގެ އިތުރުން އެ ޓީމަށް ލީގު ކާމިޔާބުކޮށްދިނުމުގައި އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މީގެއިތުރުން، 2017 ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެން ޑި ލިޓް އަންނަނީ ގަވާއިދުން ނެދަލޭންޑްސް ގައުމީ ޓީމުން ޖާގަ ހޯދަމުންނެވެ. ޔުއެފާ އިން މިދިޔަ އަހަރު މުޅީން އަލަށް ތައާރަފްކުރި ނޭޝަންސް ލީގުގެ ފައިނަލަށް ނެދަލޭންޑްސް ދަތުރުކުރިއިރު، އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ޑި ލިޓް ހޯދަން ކުރި މަސައްކަތުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ބައިވެރިވިއެވެ. މިދިޔަ މަހު އޮތް ނޭޝަންސް ލީގުގެ ފައިނަލު މެޗަށް ފަހު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާ ގުޅެން ޑި ލިޓަށް ދައުވަތު ދީފައެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި، ޔުވެންޓަސް އިން ވަނީ ޑި ލިޓްގެ އިތުރުން ކުރީގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އާއި އާރޮން ރަމްސޭ އަދި އެޑްރިއެން ރަބިއޯގެ އިތުރުން ކްރިސްޓިއަން ރޮމޭރޯ އާއި ލޫކާ ޕެލެގްރިނީ އަދި މެރިހް ޑެމިރާލް ގެނެސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.