އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު މެޗުގައި ޓިއުނީޝިއާ އަތުން 1-0 އިން މޮޅުވެ ނައިޖީރިއާ އިން މުބާރާތުގެ ތިންވަނަ ހޯދައިފިއެވެ.

މިއީ މި މުބާރާތުގެ ތާރީޚުގައި ނައިޖީރިއާ އިން ތިންވަނަ މަގާމު ހޯދި އަށްވަނަ ފަހަރެވެ. އެ ޓީމަށް އެންމެފަހުން، މި މުބާރާތުގެ ތަށި ކާމިޔާބުކުރެވިފައިވަނީ 2013 ވަނަ އަހަރު ދެކުނު އެފްރިކާ ބޭއްވި މުބާރާތުގައެވެ. އޭގެކުރީން، 2010 ވަނަ އަހަރުގެ މުބާރާތުގައިވެސް ލިބުނީ ތިންވަނަ މަގާމެވެ.

ގާހިރާގެ އަލް ސަލާމް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ތިންވަނަ މިނެޓުގައި ޖަހައިދިނީ ނައިޖީރިއާގެ އޮޑިއޮން އިގާލޯ އެވެ. މިއީ ޓިއުނީޝިއާގެ ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ. މީގެއިތުރުން، އިގާލޯ އަކީ މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑުޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް އައިއިރު ފަސް ގޯލް ކާމިޔާބުކޮށްފައެވެ.

މި މެޗުގައި ޓިއުނީޝިއާގެ ފަރްޖާނީ ސަސީ އާއި ގޭލީން ޗާލަލީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ދެވަނަ ހާފުގައި ނައިޖީރިއާގެ ސެމުއެލް ޗުކްވުއެޒޭ އާއި ސެމުއެލް ކަލޫ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޓިއުނީޝިއާގެ ގޯލްކީޕަރު ބެން ޝެރިފިއާ އެވެ.

މިއީ 2004 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފަހުން އެ ޓީމު ސެމީގައި ކުޅުނު ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ފައިނަލްގައި މާދަމާ ރޭ ރާއްޖޭގަޑިން 00:00 ގައި ބައްދަލުކުރާނީ ސެނެގޯލްއާ އަލްޖީރިއާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.