ޑޮކިޔުމެންޓްރީ ފިލްމު "ދަ ޖަޖް" ސްކްރީން ކުރުމަށް ރޭ އޮޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
އެ ޑޮކިއުމެންޓްރީ ފިލްމަކީ، ފަލަސްތީނުގެ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރު، ހުލޫދު އަލް ފަގީހާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
އެ ފިލްމު ރޭ އޮލިމްޕަހުގައި އަޅުވާފައިވަނީ، އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީ އާއި އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމްއިއްޔާ "އުތެމަ" ގުޅިގެންނެވެ.
އެ ޑޮކިއުމެންޓްރީ ފިލްމުގެ ސްކްރީނިންގައި ވަނީ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނުވެސް ބައިވެރިވަޑައިގެންފައެވެ.
އެ ފިލްމުގައި މައިގަނޑު ގޮތެއްގައި ކިޔައިދެނީ، ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވި ހުލޫދު، މެދުއިރުމަތީގެ ޝަރުއީ ކޯޓަކަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރުކަމުގައި ވެވަޑައިގެންނެވުމަށް ކަޑައްތު ކުރެއްވި ދިގު ރާސްތާއެވެ.