ކެލޮރީސް މަދުކުރުމޭ ބުނުމުން އެންމެ ފުރަތަމަ ހިތަށް އަރާނީ ބަރުދަން ލުއިކުރުމެވެ. އެހެންނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ކެލޮރީސް މަދުކުރުމުން ހިތުގެ ސިއްޙަތަށް ފައިދާހުރި ވާހަކައެވެ. ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ލިބޭ ކެލޮރީސް މަދުކުރުމަކީ ހިތުގެ ސިއްޙަތު އިތުރަށް ވަރުގަދަކޮށް، އުމުރު ދިގުކޮށްދޭ ކަމެކެވެ.

ޑިއުކް ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިން އިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ކެލޮރީސް މަދުކުރުމަކީ ހިތަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. ދެ އަހަރުގެ މުއްތަދަކަށް ކުރިއަށްގެންދިޔަ މި ދިރާސާގައި 200 މީހުން ބައިވެރިވެފައިވާއިރު، ދިރާސާ ޗާޕުކޮށްފައި ވަނީ ލެންސެޓް ޑައިބެޓީސް އެންޑް އެންޑޮކްރިނޮލޮޖީ ޖާނަލްގަ އެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި އެ ދެ އަހަރު ދުވަސް ތެރޭގައި ކަނޑައެޅިފައިވާ ޑައިޓް ފޮލޯކޮށް، ކެލޮރީސް މަދުން ނެގި މީހުންގެ  ކޮލެސްޓްރޯލް ލެވެލް ފާހަގަކުރެވޭ މިންވަރަކަށް ދަށްވި ކަމަށާއި، އެމީހުންގެ ބްލަޑް ޕްރެޝާވެސް ރަނގަޅު ކަމަށެވެ. މީގެ އިތުރުން އެމީހުންގެ ހިތުގެ ބައްޔަށް މަގުފަހިކޮށްދޭ ސަރުބީގެ ބާވަތެއް ކަމުގައިވާ ޓްރައިގްލިސެރައިޑް ލެވެލްތައް %24 ދަށަށް ދިޔަ ކަމަށްވެސް ދިރާސާއިން ވަނީ ދައްކައިފަ އެވެ.

މި ދިރާސާގައި ބައިވެރިވި ފަރާތްތައް ވަނީ އެމީހުން އާންމުކޮށް ކައިބޮއެ އުޅުނު ތަކެތިން ގާތްގަނޑަކަށް 300 ކެލޮރީސް މަދުކޮށްފަ އެވެ.

މި ދިރާސާގެ އިސް ލިޔުންތެރިއެއް ކަމުގައިވާ، އެމެރިކާގެ ޑިއުކް ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސަރ ޑރ. ވިލިއަން ކްރައުސް ވިދާޅުވީ ކަސްރަތުކުރުމާއި ޑައިޓަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އޮތް އެންމެ ރަނގަޅު ދެކަންތައް ކަމުގައެވެ. އަދި ކެލޮރީސް މަދުކޮށްގެން އެފަދަ ބަލިތަކުގެ ފުރުސަތު ކުޑަވާ މިންވަރާއި ގާތަށްވެސް އަސަރުކުރާ އެންމެ ފަސް ބޭސްވެސް ބާޒާރުން ނުލިބޭނެ ކަމަށްވެސް ޑރ. ކްރައުސް ވިދާޅުވި އެވެ.

މިހާރު އުފެދޭ ސުވާލަކީ 300 ކެލޮރީސް އަކީ ކިހާވަރެއްތޯ އެވެ. 300 ކެލޮރީސް ހިމެނޭ ތަކެތީގެ ތެރޭގައި އެއް ފޮތި ޗީޒްކޭކް، 2 ޗޮކުލެޓު ޗިޕް ކުކީ ނުވަތަ ކުޑަ އަލުވި ޗިޕްސް ޕެކެޓެއް އަދި އެއް ފޮތި ޕިއްޒާ ހިމެނެއެވެ. މީގެތެރެއިން ކޮންމެ އެއްޗެއްވެސް ޑައިޓުން ބޭރުކޮށްލުން ވެގެންދާނީ ހިތުގެ ސިއްޙަތަށް ރަނގަޅު، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭނެ ކަމަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.