ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕާއި 2023 ގައި ޗައިނާގައި އޮންނަ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ދިވެހިރާއްޖެ މި ފަހަރުވެސް ހިމެނުނީ ޗައިނާއާ އެއް ގްރޫޕެއްގައެވެ.
ރާއްޖޭން މިދިޔަ އަހަރު ރަޝިޔާގައި އޮތް ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ވާދަކުރިއިރު ވެސް އޮތީ ޗައިނާއާ އެއް ގްރޫޕެއްގައެވެ.
މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި މިއަދު ކުރިއަށްދިޔަ ގުރުއަތުލުމުގައި އޭޝިއާގެ ކޮލިފައިން ދެ ވަނަ ބުރުގައި ވާދަކުރާ 40 ގައުމު އަށް ގްރޫޕަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ޗައިނާއާ ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ސީރިއާ އާއި ފިލިޕީންސް އަދި ގުއާމް އެވެ.
ކޮންމެ ގްރޫޕަކުން ވޯލްޑްކަޕް ކޮލިފައިންގެ ތިން ވަނަ ބުރުގެ ޖާގަ ލިބޭނީ އެއް ވަނަ އަށް ދާ ޓީމަށެވެ. އަދި، އަށް ގްރޫޕުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަކަށް ވެސް ތިން ވަނަ ބުރުން ފުރުސަތު ލިބޭނެއެވެ. ވޯލްޑްކަޕް ކޮލިފައިންގެ ތިން ވަނަ ބުރުން ޖާގަ ލިބޭ ހުރިހާ ޓީމެއް އޭޝިއަން ކަޕަށް ވެސް ކޮލިފައިވާނެއެވެ.
މި ފަހަރު ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނުނު، ޗައިނާއާ ދެކޮޅަށް އެންމެފަހުން ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕަށް ކޮލިފައިވުމަށް ކުޅުނު ދެ މެޗުވެސް ކުޅެފައިވަނީ އެ ގައުމުގައެވެ. އެއީ އެ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަން ގަލޮޅު ދަނޑުގައި އެޅި މެޓެއްގެ ސަބަބުން ވިނަގަނޑު ހަލާކުވުމާ ގުޅިގެންނެވެ. އެގޮތުން، ޗައިނާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން 3-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ޗައިނާ އިން ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ.
މި ގްރޫޕުގައި ދެން ހިމެނޭ، ފިލިޕީންސްއާ ދެކޮޅަށް ރާއްޖޭން ވަނީ 2014 ވަނަ އަހަރު މާލެ އާއި އައްޑޫގައި ކުރިއަށް ދިޔަ އޭއެފްސީ ޗެލެންޖް ކަޕްގައި ކުޅެފައެވެ. އެ މުބާރާތުގެ ސެމީ ފައިނަލް މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ގޯލްތަކާ އެކު ފިލިޕީންސް އިން ރާއްޖެ ބަލިކުރީ 3-2 އިންނެވެ.
ސީރިއާ އިން ވަނީ 1997 ވަނަ އަހަރު ކުޅެވުނު ވޯލްޑްކަޕް ކޮލިފައިން މެޗުގައި ރާއްޖެ އަތުން 12-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ގުއާމްއާ ދެކޮޅަށް ރާއްޖެ މިހާތަނަށް ކުޅެފައެއްނުވެއެވެ.
ކޮލިފައިންގެ އެހެން ގްރޫޕުތަކަށް ބަލާއިރު، އަވައްޓެރި އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާން އަދި އޮމާނާއި ގަތަރު ހިމެނުނީ ގްރޫޕް އީ ގައެވެ. ގަތަރަކީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާ ގައުމަށްވުމުން އެ ޓީމު މި ގްރޫޕުގައި ކުޅޭ މެޗުތައް ގުނާނީ ހަމައެކަނި އޭޝިއަން ކަޕްގެ ކޮލިފައިންގެ ގޮތުގައެވެ.
ގިނަ އަހަރުތަަކަކަށް ފަހު ސްރީލަންކާ އިން ވޯލްޑްކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ވާދަކުރާއިރު އެ ޓީމު ހިމެނުނީ ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ އިތުރުން ލެބަނަން އަދި ތުރުކުމެނިސްތާނާއެކު ގްރޫޕް އެޗްގައެވެ.
ވޯލްޑްކަޕް ކޮލިފައިންގެ ފުރަތަމަ މެޗުތައް އަންނަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ހަމަ އެ ދުވަހު ރަށުން ބޭރުގައި ރާއްޖެ ނިކުންނާނީ ގުއާމްއާ ދެކޮޅަށެވެ.