ވުޒާރާތަކާއި މުއައްސަސާތަކުން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވެވަޑައިގަންނަވާ ބޭފުޅުން ދޮގު މައުލޫމާތު ދެއްވާ ނަމަ އެކަން ތަހުގީގުކޮށް އެފަދަ ފަރާތްތަކަށް ދައުވާ ކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މަޖިލިހުގެ ކޮމިޓީތަކަށް ހާޒިރުވެވަޑައިގަންނަވާ ބައެއް މުއައްސަސާތަކުގެ ބޭފުޅުން ތެދު ބަހުން ވާހަކަނުދައްކާވާތީ އެކަމުގެ ޝަކުވާ އެބޭފުޅާއަށް ބައެއް ކޮމެޓީތަކުގެ މުގައްރިރުން ދަނީ ކުރައްވަމުން ކަމަށެވެ.
މަޖިލީހުގައި އިތުރުފުޅު ހެއްދެވުމަކީ ކުށެއް ކަން ހަނދާންކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، ދން އެފަދަ އަމަލެއް ހިންގާ ކަމަށް ޝައްކު ކުރެވިއްޖެ ނަމަ ތަހުގީގުކޮށް، ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހަށް ބޭފުޅުން ހާޒިރު ކުރާއިރު އެއް މައްސަލައެއްގައި އެއް ބަޔަކު އެކި ކޮމިޓީތަކަށް ހާޒިރު ކުރާނަމަ އެ ފަރާތްތަކަށް އުނދަގޫވެދާނެ ކަމަށާއި އަދި، އެހެންކަމުން އެފަދަ މައްސަލަތަކުގައި ކޮމެޓީތައް އެއްކޮށް މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.