މާބަނޑު ދުވަސްވަރު ފައިބާ ގިނަ އެއްޗެހި ކައިބޮއެ ހެދުމަކީ މައިމީހާއާއި ދަރިފުޅުގެ ސިއްޙަތަށްވެސް ރަނގަޅު ކަމެއް ކަމަށާއި، އޭގެ ސަބަބުން ޕްރިއެކްލެމްޕްސިއާ ޖެހުމުގެ ފުރުސަތު ކުޑަވެގެންދާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެގޮތުން ގަސްގަހާގެހީގައި ހުންނަ ފައިބާއިން ދިފާޢީ ނިޒާމަށް ރަނގަޅު މާއްދާތައް ލިއްބައިދޭ ކަމަށް އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީގެ ދިރާސާވެރިން ބުނެއެވެ.

ދިރާސާވެރިން ވަނީ ބަނޑުގައި ހުންނަ ބެކްޓީރިއާގެ މެޓަބޮލިކް ޕްރޮޑަކްޓްތަކުން މާބަނޑު ދުވަސްވަރަށް ކުރާ އަސަރުތައް ތަހުލީލްކޮށްފަ އެވެ. ރަނގަޅު ދުޅަހެޔޮ އަދި ގިނައިން ގަސްގަހާގެހީގެ ބާވަތްތައް ކެއުމަށާއި، މާގިނައިން ނުކެއުމަކީ މިފަހަކަށް އައިސް ކުރިމަތިވާ އެންމެ ބޮޑެތި ސިއްޙީ މައްސަލަތަކުގެ ހައްލުކަމުގައި ދިރާސާވެރިން ބުނެއެވެ. ޔުނިވާސިޓީ އޮފް ސިޑްނީގެ ޕްރޮފެސަރ ރަލްފް ނެނަން ވިދާޅުވީ މަންމަގެ ބަނޑުގައި ހުންނަ ބެކްޓީރިއާ އާއި ކައިބޮއެ އުޅޭ ތަކެއްޗަކީ މާބަނޑު ދުވަސްވަރު ދުޅަހެޔޮކަންމަތީ ހުރުމަށް ވަރަށް މުހިންމު ކަންތައްތަކެއް ކަމަށެވެ.

ނޭޗަރ ކޮމިއުނިކޭޝަންސް ޖާނަލްގައި ޗާޕުކޮށްފައިވާ މި ދިރާސާއިން ހޯދި ގޮތުގައި ހަށިގަނޑުގައި އެސެޓޭޓް ހުންނަ މިންވަރު މަދުވުމަކީ މާބަނޑު ދުވަސްވަރު ދިމާވާ އެންމެ ބޮޑު އެއް މައްސަލަ، ޕްރިއެކްލެމްޕްސިއާ އާއި ގުޅުންހުރި ކަމެއް ކަމަށެވެ. އެސެޓޭޓް އަކީ ބަނޑުގައި ފައިބާ ފާމެންޓްކުރުމުން އުފެދޭ މާއްދާއެކެވެ.

10% މާބަނޑު އަންހެނުންނަށް ޕްރިއެކްލެމްޕްސިއާ ޖެހޭއިރު، އޭގެ އެންމެ ބޮޑު އެއް އަލާމާތަކީ ލޭމައްޗަށް ދިއުމާއި، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރުން އަދި މާބޮޑަށް ތަންތަން ދުޅަވުމެވެ.

ޕްރިއެކްލެމްޕްސިއާގެ ސަބަބުން ބަނޑުގައިވާ ދަރިފުޅުގެ ދިފާޢީ ނިޒާމް އުފެދުމުގައި މައްސަލަތައް ކުރިމަތިވެ، އުފަންވުމުގެ ފަހުން އެލާޖީތަކާއި އޮޓޯއިމިއުން ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑުވެގެން ދެއެވެ. ދިރާސާއިން ދައްކާފައިވާ ގޮތުގައި ވަރަށް ތުއްތު ދަރިފުޅުގެ ވަރަށް މުހިންމު ދިފާޢީ ގުނަވަނެއް ކަމުގައިވާ ތައިމަސް އުފެދުމުގައިވެސް ޕްރިއެކްލެމްޕްސިއާގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާ ކަމަށެވެ.

އެގޮތުން ޕްރިއެކްލެމްޕްސިއާ ޖެހިފައިވާ މާބަނޑު އަންހެނުންގެ ކުދިންގެ ތައިމަސް، ދުޅަހެޔޮ މާބަނޑު އަންހެނުންގެ ކުދިންނަށްވުރެ ކުޑަކަމަށްވެސް ދިރާސާއިން ދައްކައެވެ. ތައިމަސް އިން އުފައްދާ ސެލްތައް (ޓީ ސެލްސް) އަކީ އެލާޖީތަކާއި، ހަކުރުބަލިފަދަ އޮޓޯއިމިއުން މައްސަލަތައް ޖެހުމުން ރައްކާތެރިކޮށްދޭ ސެލްތަކެކެވެ.

އެސެޓޭޓް މަސައްކަތްކުރާ ގޮތް އިތުރަށް ތަހުލީލްކުރުމުން އެނގިގެންދިޔައީ އެސެޓޭޓް އަކީ ތައިމަސް އާއި ޓީ ސެލްސް އުފެދުމުގައި މައިގަނޑު ރޯލެއް އަދާކުރާ މާއްދާއެއް ކަމަށެވެ. އެގޮތުން ބަނޑުގައި ހުންނަ ބެކްޓީރިއާގެ ވަކި ޚާއްސަ މެޓަބޮލިކް ޕްރޮޑަކްޓްތައް އިތުރުކުރުމަކީ މާބަނޑު ދުވަސްވަރު ދުޅަހެޔޮކަންމަތީ ހުރުމަށް މަގުފަހިވެ، އެލާޖީތަކާއި އޮޓޯއިމިއުން މައްސަލަތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.