ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގެންފި އެވެ.

އެ ބިލް މަޖިލީހަށް ބަލައިގަތީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 75 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މަޖިލީހުގެ ތަޅުމުން އެ ބިލް ފާސްވުމާއި އެކު އެ ބިލް ވަނީ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.

އެ ބިލުގައިވާ ގޮތުން  ގާނޫނީ ޒިންމާއެއް އަދާ ނުކުރުމާއި އިންސާނީ ހައްގަކާއި ހިލާފުވި ކަމުގެ މައުލޫމާތު ހިމާޔަތާ އެކު ހާމަ ކުރެވޭނެއެވެ. އަދި  ކޮރަޕްޝަނާއި، ތިމާވެއްޓަށް ނުރައްކާވާ ކަންކަން ކުރުމާއި، ދައުލަތުގެ މަގާމުގެ ނުފޫޒެއް ނާޖާޒު ގޮތުގައި ބޭނުން ކުރާނަމަ އެކަމުގެ މައުލޫމާތު ހާމަ ކުރުމަކީވެސް ވިސްލްބްލޯ ކުރުން ކަމުގައި ޤާނޫނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މައުލޫމާތު ހާމަކުރާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކުރުމަށްވެސް ބިލުގައި ވަނީ ބުނެފައެވެ. އެގޮތުން ނަމާއި، އެޑްރެސް، އުމުރު އަދި އާއިލާއާ ބެހޭ މައުލޫމާތު ސިއްރުކޮށްފައި ބާއްވަން ޖެހޭނެ ކަމަށާއި ވިސްލްބްލޯ ކުރާ ފަރާތުން ދޭ މައުލޫމާތަކީ އެފަރާތުން އެކަން ހިނގިކަން ސާބޮތުކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ.

ވިސްލްބްލޯ ކުރަން އުޅެގެން ނުވަތަ ކޮށްގެން އެކަން ހުއްޓުވަން ނުވަތަ އިންޒާރުދީ ހެދުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ބިލުގައި ހިމަނާފައި ވާއިރު، އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަ މަސް ދުވަހާއި ދެމެދުގެ ޖަލު ހުކުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.