އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ނެރުނު ދަށް ނަތީޖާގެ ސަބަބުން އެ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ކެމަރޫންގެ ކޯޗުގެ މަގާމުން ނެދަލޭންޑްސްގެ ކުރީގެ ލެޖެންޑް ކްލަރެންސް ސީޑޯފް ވަކިކޮށްފިއެވެ.

ސީޑޯފްގެ އިތުރުން ކެމަރޫންގެ އެސިސްޓަންޓް ކޯޗަކަށް ގެނައި ކުރީގެ މަޝްހޫރު ފޯވާޑް ޕެޓްރިކް ކްލައިވަޓް ވެސް ވަނީ މަގާމުން ދުރުކޮށްފައެވެ.

މިދިޔަ އަހަރު އޮގަސްޓް މަހު ކެމަރޫންގެ ކޯޗުކަމާ ހަވާލުވި ސީޑޯފްގެ އިރުޝާދުގެ ދަށުން މިފަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެ މުބާރާތުގެ ދެވަނަ ބުރުގައި ނައިޖީރިއާ އަތުން 3-2 އިން ބަލިވެ ކަޓައިގެންދިޔައިރު، އޭނާގެ ކޯޗުކަމުގައި އެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު، ހަތަރު މެޗުން އެއްވަރުވެ ތިން މެޗުން ވަނީ ބަލިވެފައެވެ.

މިކަމާ ގުޅޭގޮތުން، ކެމަރޫން ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައިވަނީ، އެފްރިކާ ކަޕް އޮފް ނޭޝަންސް މުބާރާތުގެ ދެވަނަ ބުރުން ކަޓައިގެންދިއުމުން އެ މީހުންގެ އަމާޒަށް ވާސިލްނުވެވުމުން ފެނުނު އެންމެ ރަނގަޅު ގޮތަކީ ސީޑޯފް އާއި ކްލައިވެޓްގެ އެއްބަސްވުން ބާތިލްކުރުންކަމުގައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބީތައް ހޯދިނަމަވެސް، ސީޑޯފަށް ކޯޗިންގައި އަދި އެންމެ ރަނގަޅު މަސައްކަތެއް ނުކުރެވެއެވެ. އެގޮތުން، ހެޑް ކޯޗެއްގެ ގޮތުގައި 2014 ވަނަ އަހަރު އޭނާގެ ކުރީގެ ކްލަބް އޭސީ މިލާނުން މަސައްކަތް ފެށި ސީޑޯފަށް ވަނީ ޗައިނާގެ ޝެންޒެން އާއި ސްޕެއިނުގެ ޑިޕޯޓިވޯ ލަކޮރޫނާ ގައި ކޯޗުކަން ވެސް ކޮށްފަ އެވެ. އޭގެއިން އެއްވެސް ޓީމެއްގައި އޭނާ އަށް އެއް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެވިފައިނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.