ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު ހިނގާ ތަނެއް ނުފެންނަކަމަށާއި މި ސަރުކާރު ނުހިނގާ ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް އެ މޭރެމުން ވާހަކަފުޅު ދެއްކެވީ، އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމާއި ގުޅޭ ހަތަރު ގަރާރުގެ ތެރެއިން، ބޭރުގެ މަސްބޯޓްތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރުން ހުއްޓުވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

މެމްބަރު ޝިޔާމް ވިދާޅުވީ، މަޖިލީހުގެ ރައީސް ނަޝީދަށް ރައީސް ޞާލިހް ސެލިއުޓް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ރައީސް ޞާލިހްގެ ސާރުކާރު އެއްވެސް ވަރަކަށް ނުހިނގާ އިރުވެސް، ކޮންމެ ދުވަހަކުވެސް މަޖިލީހުގައި ރައްޔިތުންނާއި ގުޅުންހުރި ވަރަށް ގިނަ ކަންތައްތަކާއި ގުޅޭ ގޮތުން ކޮންމެ ދުވަހަކުވެސް ވާހަކަދައްކާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރު ނުހިނގާ އޮންނަ އޮތުން ފޫބައްދައިދޭ ކަމަށެވެ.

މެމްބަރު ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރި ސިނާއަތަކީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ފަންސާސްހާސް ރައްޔިތުންނަށް ސީދާ ގޮތުން ފައިދާ ކުރުވަނިވި ސިނާއަތެއް ކަމަށެވެ. އަދި ގާތްގަނޑަކަށް ސޯޅަވަރަކަށް ހާސް މަސްވެރިން މި އެ ސިނާއަތުގައި ހަރަކާތްތެރިވާ ކަމަށެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ، އެ ގަރާރާއިއެކު ގާތްގަނޑަކަށް 84 އާއިލާއެއްގެ ވަޒީފާ ގެއްލިގެން ދާނެ ކަމަށެވެ. 

"އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން، ވަރަށް އޯގާތެރި ސަރުކާރެއް ގޮތުގައި މިސަރުކާރު އައީ. އެހެން ނަމަވެސް މިއަދު އެކަނިވެސް އަޅުގަނޑުގެ ދާއިރާއިން 2 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި. އޭގެތެރެއިން އެއް މުވައްޒަފަކު ވަކިކުރީ ފޭސްބުކްގައި އިން ޕޯސްޓަކަށް ލައިކެއް ދީގެން. އޯގާތެރިކަން ހުރިވަރު މިފެންނަނީ." މެމްބަރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އެގޮތަށް އެއްވެސް ދިވެހި އާއިލާއަކަށް އަދި މީހަކަށް ދިމާވާކަށް މަޖިލީހުގެ ރައީސްވެސް ބޭނުންފުޅު ނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުންގެ މެދުގައި ބަހުސްކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވީ ގަރާރަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.