ކުށް ތަކުރާރުކުރުން ހުއްޓުވުމުގެ ގޮތުން އަދަބެއްގެ ގޮތުގައި ސްކޫލްތަކުން ދަރިވަރުން ސަސްޕެންޑްކުރި ނަމަވެސް، އެފަދައިން ސަސްޕެންޑްކުރާ ދަރިވަރުން މުސްތަޤްބަލުގައި ވައްކަން ކުރުމާއި، ގޯނާކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުން ފަދަ ނުރަނގަޅު ޢަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެ ދިރާސާ ޗާޕުކޮށްފައި ވަނީ "ޖަސްޓިސް ކުއާޓަރލީ" ނަމަކަށް ކިޔާ ޖާނަލްއެއްގަ އެވެ. ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ތޯމަސް ޖޭމްސް މޮވެން ވިދާޅުވި ގޮތުގައި ދިރާސާއިން ހޯދި ގޮތުގައި ސްކޫލްތަކުން ދަރިވަރުން ސަސްޕެންޑްކުރުމަކީ ފުރާވަރުގައި އެކުދިންނަށް ވަރަށް ނޭދެވޭ، ނުރަނގަޅު އަސަރުތަކެއް ކުރުވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މުސްތަޤްބަލުގައި އެކުދިން ކުށްކުރުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ.

ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ގްރޭޑްތަކުގައި ދަރިވަރުން ސަސްޕެންޑްކުރުމުގެ ނޭދެވޭ އަސަރު ފޯރަނީ ކިހާވަރަކަށް ކަމާއި، އެފަދަ ދަރިވަރުން ޒުވާން އުމުރުގައި ކުށްކުރުމުގެ ފުރުސަތު ބޮޑުވެގެންދޭތޯ ދިރާސާވެރިން ވަނީ ތަޙުޤީޤުކޮށްފަ އެވެ.

މި ދިރާސާގައި ބޭނުންކޮށްފައި ވަނީ 1997 ވަނަ އަހަރު ހިންގި ސާވޭއެއްގެ ޑޭޓާ އެވެ. އެ ސާވޭގައި 12 އަހަރާއި 18 އަހަރާއި ދެމެދުގެ 8،984 ޒުވާނުން ބައިވެރިވެފައި ވެއެވެ. ސްކޫލުން ސަސްޕެންޑްކޮށްފައިވޭތޯ އާއި، ކުށްކުރުމުގައި ބައިވެރިވެފައި ވަނީ ކިތައް ފަހަރުތޯ ބައިވެރިންނާއި ސުވާލުކުރެވުނެވެ.

އެގޮތުން ދިރާސާގައި ބައިވެރި ދަރިވަރުން ޖުމްލަ ގޮތެއްގައި 12.3% ފަހަރު ސަސްޕެންޑްކޮށްފައި ވާއިރު، އެއްފަހަރު ސަސްޕެންޑްކޮށްފައި ތިބި ދަރިވަރުން ދެވަނަ ފަހަރަށްވެސް ސަސްޕެންޑްކޮށްފައިވާ ކަމަށް ރިޕޯޓްކުރި އެވެ. މީގެ އިތުރުން ސަސްޕެންޑްކުރުމުގެ ސަބަބުން ފުރާވަރުން ޒުވާންކަމަށް ބަދަލުވާއިރު، އެކުދިން ކުށްކުރުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށްވެސް ދިރާސާއިން ރިޕޯޓްކުރެއެވެ.

މި ދިރާސާގައި ވަނީ ކުށްކުރުމަށް މަގުފަހިވާ އެކިއެކި ސަބަބުތަކަށްވެސް ބަލައިފަ އެވެ. އެގޮތުން ސްކޫލުން ވަކިވުމާއި، ސްކޫލާއިމެދު ދަރިވަރުންގެ އިހުސާސްތައް ހުރި ގޮތާއި، އާއިލާއާއި، އާއިލާގެ މާލީ ތަނަވަސްކަންހުރި މިންވަރާއި ގުޅޭގޮތުން ދަރިވަރުންގެ އިހުސާސްތައް ހުރިގޮތާއި ބެހޭގޮތުން ވަނީ ސުވާލުކޮށްފަ އެވެ.

މި ދިރާސާގެ ނަތީޖާތަކަށް ބަލައި، ސްކޫލްތަކުގެ އޮފިޝަލުންނާއި ޤާނޫނު ހަދާ ފަރާތްތަކުން އަދަބުދިނުމުގެ މިފަދަ ބާވަތްތަކުގެ ނޭދެވޭ އަސަރުތައް ފާހަގަކޮށް، ނުރަނގަޅު އަޚްލާޤަށް މަފުގަހިވާ ސަބަބުތައް ދެނެގަނެ، އެފަދަ އަޚްލާޤްތައް މެނޭޖްކުރާނެ ގޮތްތަކާމެދު ވިސްނަން ޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.