ދާދިފަހުން ޗެލްސީގެ ކޯޗުގެ މަގާމާ ހަވާލުވި ފްރޭންކް ލަމްޕާޑް ވަނީ އެ ޓީމަށް އިތުރު ކުޅުން ތެރިން ބޭނުންނުވާކަމަށާއި، ފީފާ އިން ދީފައިވާ އަދަބުގެ ސަބަބުން އެއްވެސް އަސަރެއްނުކުރާނެކަމަށެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ގަވާއިދާ ހިލާފުވެފައިވާތީ ކުރިއަށް އޮތް ދެ ޓްރާންސްފާ މުއްދަތުގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ޗެލްސީ އަށް އަދަބުދީފައިވަނީ މިދިޔަ ފެބުރުއަރީ މަހުގައެވެ.
މިކަމާ ބެހޭގޮތުން، ލަމްޕާޑް ބުނީ އެ ޓީމުގައި މިހާރުވެސް ވަރުގަދަ ސްކޮޑެއް އެބައޮތްކަމަށާއި، އާ ކުޅުންތެރިން ހޯދުމުގެ މާ ބޮޑު ބޭނުމެއް ނެތްކަމަށެވެ.
"މިވަގުތު ޗެލްސީގެ ސްކޮޑުގައި އެބަތިބި ވަރަށް ރަނގަޅު ކުޅުންތެރިން. ދެން އިތުރަށް ކުޅުންތެރިން ނުގެނެވޭކަން އެނގޭ، އެކަމަކު މި ޓީމަށް އާ ކުޅުންތެރިން ބޭނުމެއްވެސް ނުވޭ." ޖަޕާނަށް ގޮސް މީޑިއާ އަށް ދިން އިންޓަވިއުގައި ލަމްޕާޑް ބުންޏެވެ.
އާ ސީޒަނަށް އެ ޓީމު ނިކުންނައިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އެންމެ މުހިއްމު ކުޅުންތެރިޔާ އެޑެން ހަޒާޑް މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރެއާލް މެޑްރިޑަށް ބަދަލުވެފައިވުމެވެ.
އެކަމަކު، ޗެލްސީން ވަނީ މިދިޔަ ސީޒަނުގައި ރެއާލުން، ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅުނު ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗްގެ އެއްބަސްވުން ދާއިމީކޮށްފައެވެ. މީގެއިތުރުން، މި ސީޒަނަށް އެ ޓީމާ އަލަށް ގުޅޭނެ ކުޅުންތެރިއަކީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި އެމެރިކާގެ ހުނަރުވެރި ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިޗް އެވެ.
ޗެލްސީން ޖަޕާނަށް ގޮސް ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ޔޮކަހާމާގައި ޖޭ1 ލީގުގެ ޗެމްޕިއަން ކަވަސާކީ ފްރޮންޓޭލްއާ ދެކޮޅަށް ނިކުންނައިރު، މި މަހުގެ 23 ވަނަ ދުވަހު ސައިޓާމާގައި ނިކުންނާނީ ސްޕެއިނުގެ ޗެމްޕިއަން ބާސެލޯނާއާ ދެކޮޅަށެވެ.