އާޓީރިއޯވީނަސް މެލްފޮމޭޝަން (އޭވީއެމް) ނަމަކަށް ކިޔާ ސިކުނޑީގެ އަނިޔާއެއް ލިބިފައިވާ އުމުރުން ފަސް އަހަރުގެ ކުއްޖަކު، ލައިފް ސަޕޯޓުން ނުނެގުމަށް އެކުއްޖާގެ މައިންބަފައިން އާދަޔާއި ޚިލާފު ޤާނޫނީ މައްސަލައެއް ކޯޓަށް ވައްދައިފި އެވެ.
އުމުރުން ފަސް އަހަރުގެ ތަފީދާ ރަޤީބްގެ ސިކުނޑިއަށް ލިބުނު އަނިޔާއަކާއި ގުޅިގެން ހޮސްޕިޓަލްގައި އެނދުމަތިކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެންނެވެ. އިރުމަތީ ލަންޑަންގެ ރޯޔަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ ތަފީދާ ރަނގަޅުވާނެކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށާއި، އެންމެ ރަނގަޅުވާނީ އޭނާގެ ލައިފް ސަޕޯޓް ނަގާލުން ކަމުގައި ބުނެފައި ކަމަށް އޭނާގެ މަންމަ، ޝެލީނާ ބޭގަމް ބުނެއެވެ.
އެހެންނަމަވެސް އުމުރުން 39 އަހަރުގެ ބޭގަމް އާއި އޭނާގެ ފިރިމީހާ ކަމުގައިވާ 45 އަހަރުގެ މުހައްމަދު ރަޤީބް ބުނީ އެހެން މާހިރުން ބުނާގޮތުގައި އެމީހުންގެ ދަރިފުޅު އޮތީ ކޯމާއެއްގައި ކަމަށާއި، ކުރިއަށް އޮތް މަސްތަކުގައި އޭނާ ރަނގަޅުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން އެމީހުން ވަނީ ތަފީދާ އަށް ފަރުވާދިނުމަށް ތައްޔާރަށް ތިބި ޑޮކްޓަރުންތަކެއް އިޓަލީ އިން ހޯދައިފަ އެވެ. އަދި އެމީހުން މިހާރު ބޭނުންވަނީ އެމީހުންގެ އަމިއްލަ ޚަރަދުގައި، ތަފީދާ އިޓަލީ އަށް ބަދަލުކުރުމަށެވެ.
މާދަމާ ހައި ކޯޓްގައި އެމައްސަލަ ރިވިއުކޮށްދިނުމަށް އެދި ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ބުނެ އެމީހުން ވަނީ މިއަދު ހޮސްޕިޓަލް ޓްރަސްޓަށް ސިޓީއެއް ފޮނުވައިފަ އެވެ. އަދި އިތުރު ފަރުވާއަށް އެހެން ތަނަކަށް ދިއުމުގެ ހުއްދަ ތަފީދާ އަށް ދިނުމަށް ހޮސްޕިޓަލަށް މަޖުބޫރުކުރުމަށް ފަނޑިޔާރުންގެ އަރިހުން އެދޭނެ ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.
ތަފީދާގެ މަންމަ ބުނީ އެމީހުން ބޭނުންހާވެސް ކަމަކީ ދަރިފުޅު ސަލާމަތް ކުރުމަށާއި، އޭނާގެ ސިކުނޑި މަރުނުވާ ކަމަށާއި، ރަނގަޅުވުމުގެ ބައެއް އަލާމާތްތައް ވެސް ފެނިފައިވާ ކަމަށެވެ. އެގޮތުން ތަފީދާ ވަނީ ލޯ ހުޅުވައި، އަތާއި ފައިގެ ހަރަކާތްތައް ވެސް ކުޑަކޮށް ކޮށްފައި ކަމަށް އޭނާ ބުނެއެވެ.
ތަފީދާ އަށް ދިރިއުޅުމުގެ އިތުރު ފުރުސަތެއް ހޯދައިދިނުމަށް ފަރުވާދިނުމަށް ތައްޔާރު ތަޖުރިބާކާރު ޑޮކްޓަރުން އެބަތިބި ކަމަށާއި، ބޭނުންވަނީ ހަމައެކަނި ތަފީދާ ރަނގަޅުކުރުމަށް މަސައްކަތް ކުރުމުގެ ފުރުސަތެއް ކަމަށްވެސް ބޭގަމް ބުނެއެވެ.
"ތަފީދާ އަށް ހޮސްޕިޓަލް ދޫކޮށް ނުދެވޭނެ ވާހަކަ އިވުމަކީ އަހަރެމެންގެ ހިތް ހަލާކުވާ ކަމެއް. އަހަރެމެންނަށް އެނގޭ ތަފީދާ ރަނގަޅުވުމުގެ ފުރުސަތު ވަރަށް ކުޑަކަން. އެކަމަކު ރަނގަޅުވެދާނެ ފަރުވާއެއް އޮތްކަން އެނގޭއިރު، އެ ފަރުވާ ހޯދުމަށް މަސައްކަތް ކުރުން ހުއްޓައެއް ނުލެވޭނެ. ތަފީދާ ވެސް މަރާ ހަނގުރާމަކުރަމުންދާއިރު، އަހަރެމެންވެސް އޭނާއަށްޓަކައި ހަނގުރާމަކުރުމުގައި ދެމިތިބޭނަން"، އޭނާ ބުނެއެވެ.
އިރުމަތީ ލަންޑަންގެ ނިއުހެމްގެ ޕްރައިމެރީ ސްކޫލްގެ ފުރަތަމަ އަހަރުގައި ތަޢުލީމް ހާސިލްކުރަމުން ދިޔަ ތަފީދާ ހޮސްޕިޓަލަށް ގެންދިޔައީ ނިދާފައި އޮއްވާ ސިކުނޑީ ނާރެއް ފަޅައިގެން ދިއުމުގެ ސަބަބުން މިދިޔަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި ކިންގްސް ކޮލެޖު ހޮސްޕިޓަލް އަށް ގެންގޮސް އެންމެ ބޮޑެތި ނިއުރޯސަޖަނުން ވަނީ ތަފީދާގެ އޮޕަރޭޝަން ކޮށްފައެވެ.
އަދި އޭޕްރީލް މަހު ތަފީދާ ވަނީ ރޯޔަލް ލަންޑަން ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ތަފީދާ ރަނގަޅުވާނެކަމުގެ އެއްވެސް އުއްމީދެއް ނެތްކަމުގައި ބުނިނަމަވެސް، އޭނާގެ މައިންބަފައިން ޤަބޫލުކުރާ ގޮތުގައި ތަފީދާ ވަނީ ރަނގަޅުވުމުގެ އަލާމާތްތައް ދައްކައިފަ އެވެ. އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި ތަފީދާ ކޯމާއިން ހޭލާނެ ކަމަށް ބައެއް ނިއުރޯލޮޖިސްޓުން ބުނެފައިވާ ކަމަށްވެސް މީހުން ބުނެއެވެ.
މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން އޮންނާނީ މި ހަފްތާ ނިމޭ ހިސާބުގައެވެ.
"މިއީ ވަރަށް ހިތާމަވެރި މައްސަލައެއް ކަމަށާއި، މިކަމުގައި އާއިލާއަށް އެއްބާރުލުން ދިނުމަށްޓަކައި އެމީހުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ބާޓް ހެލްތު އެންއެޗްއެސް ޓްރަސްޓް އިން ބުނި"، ރޯޔަލް ލަންޑަން ހޮސްޕިޓަލްގެ ތަރުޖަމާނަކު ބުނެފައި ވެއެވެ.
"ޑެއިލީ މެއިލް ޔޫކޭ" އިން ރިޕޯޓްކުރާ ގޮތުގައި އެންއެޗްއެސް އިން ނުދެވޭ ފަރުވާއެއް އިޓަލީ އަކުންވެސް ނުދެވޭނެ ކަމަށް އެޤައުމުގެ ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ތަފީދާގެ އާއިލާއިން ބުނާ ގޮތުގައި ތަފީދާ ކޯމާއިން ހޭލަންދެން ފަރުވާދިނުމަށް އިޓަލީގެ ޑޮކްޓަރުން އެއްބަސްވެފައިވާ ކަމަށެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިތުރުން، ތަފީދާގެ އާއިލާއިން ވަނީ ހޮސްޕިޓަލްގެ ނިންމުން ބަދަލުކުރުމަށް ހޮސްޕިޓަލްގައި ވެސް އެދިފައެވެ.