ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ސެޓްލްމަންޓް އެގްރީމެންޓެއް އިއްޔެ ހަދައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ސީލައިފާ ދެކޮޅަށް ދައުވާކޮށްފައިިވާ މީހުންނާ އެކު މި އެއްބަސްވުމުގައި ސޮއިކުރުމުން، މިއީ ކޯޓުން ބޭރުގައި ހައްލުވެފައިވާ މައްސަލައަކަށް ވާތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރެޒޮލިއުޝަން ޑިވިޝަނުން ވަނީ އެ އެއްބަސްވުމަށް އަމަލުކުރުމަށް ރޭ ހުކުމް ކޮށްފަ އެވެ.
ނަމަވެސް މި އެއްބަސްވުމުގެ ތަފްސީލެއް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް މައުލޫމާތު ލޮބިފައިވާ ގޮތުގައި ސީ ލައިފްގެ މައްޗަށް ދައުވާކުރާ މީހުންނަށް ބަދަލުދޭން އެއްބަސްވީ، ދައުލަތުން ސީ ލައިފަށް ދައްކަން ޖެހޭ 12 މިލިއަން ޑޮލަރުންނެވެ.
ގެއްލުމުގެ ބަދަލު ހޯދަން ސީ ލައިފްގެ މައްޗަށް ދައުވާ ކުރަނީ 203 މީހެކެވެ.