ދިވެހިރާއްޖޭގެ މަސްވެރިން ބާނާ މަހުގެ އަގު ކޮންޓްރޯލް ކުރަން ޖެހޭނީ ދިވެހިން ކަމަށާއި، އެއީ ބޭރުގެ ޤައުމަކުން ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މުހައްމަދު ސައީދު މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މަސްވެރިކަމާއި ބެހޭ ގޮތުން ހުށަހަޅާފައިވާ ޤަރާރަށް ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ސައީދު ވިދާޅުވީ، ރާއްޖޭގެ މަހުގެ ބާޒާރު ކޮންޓްރޯލް ކުރާނީ ދިވެހިން ކަމަށެވެ.

"މަހުގެ ބާޒާރުގެ ކޮންޓްރޯލް އެހެން ގައުމަކުން ކޮންޓްރޯލް ކުރާކަށް ނުޖެހޭ. ތައިލެންޑަކުން ނޫން ރާއްޖޭގެ މަހުގެ އަގު ކޮންޓްރޯލް ކުރަން ޖެހޭނީ. އަދި ދުނިޔޭގެ މަސްވެރިކަމުގެ އަގު ކޮންމެ ބަޔަކު ކޮންޓްރޯލް ކުރިޔަސް ރާއްޖޭގެ އަގު ކޮންޓްރޯލް ކުރަން ޖެހޭނީ ރާއްޖެއިން." ސައީދު ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ، ދިވެހި މަސްކަނޑުތަކުން ލިބޭ ނަފާ ދިވެހިންނަށް ލިބެން ޖެހޭ ކަމަށެވެ. އަދި ދިވެހި މަސްވެރިންނަށް އެންމެ ރަނގަޅު އަގު ލިބެން ޖެހޭކަން ސައީދު ފާހަގަކުރެއްވިއެވެ.

ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ސައީދު ވިދާޅުވީ، ވެލިއު އެޑް ކުރުމެއް ނެތި ކޮންމެ އަހަރަކު 70 ހާސް ޓަނުގެ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ ކަމަށެވެ.

"16،000 ވަރަކަށް މަސްވެރިން ނުކުމެ އަޅުގަނޑުމެން އަހަރެއްގެ ތެރޭގައި ދިވެހިރާއްޖެއަށް މި ބާނަނީ 150،000 ޓަނުގެ މަސް ނުވަތަ 150 މިލިއަން ކިލޯ. އޭގެ ތެރެއިން އަޅުގަނޑުމެން ދިވެހިންގެ ކޮންސަމްޝަންއަށް، ކެއުމަށްޓަކައި 40 ހަކަށް ޓަނު، އޭގެ އިތުރަށް ވެލިއު އެޑް ކޮށްގެން މި އެކްސްޕޯޓް ކުރެވެނީ 40 ހާސް ޓަނު. އެއްވެސް ވެލިއު އެޑް ކުރުމެއް ނެތި ހަމަ އަގުއަށް ލިބޭނެ ކަމުގެ އިންތިޒާމެއް ނެތި 70 ހާސް ޓަނު މަސް އެބަ އެކްސްޕޯޓް ކުރޭ ދިވެހި ރާއްޖެއިން." ސައީދު ވިދާޅުވިއެވެ.

އަދި ރާއްޖެއަކީ މުޅި ދުނިޔެއިންވެސް އެންމެ ތިމާވެއްޓާއި ރަށްޓެހި ގޮތެއްގައި މަސްވެރިކަން ކުރާ ޤައުމު ކަމަށާއި، ނަމަވެސް ރާއްޖެއިން ޔޫރަޕިއަން ޔުނިއަންއަށް އެތެރެކުރާ މަހަށް ޓަރިފް ދައްކަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

"މިހެން މިކަން އޮއްވާ 2013 ގެ ފަހުކޮޅުގައި ޔޫރަޕިއަން ޔޫނިއަންއިން މިބުނަނީ، ކަލޭމެން ދިވެހިން ބާނާ މަސް ދެން އަހަރެމެންގެ ބައްރަށް ނުވަތަ އީޔޫގެ ވިޔަފާރީގެ ބޯޑަރު ހުރަސްކޮށް ގެންނަން ވާނީ ކޮންމެވެސް ވަރެއްގެ އަގެއް ދައްކާފައެވެ. އެ ދުވަހަކާއި ހަމައަށް މި އޮންނަނީ ސުން އިންސައްތައިގައި ބޯޑަރަށް މަސް ވެއްދޭ ގޮތައް." ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ދިވެހި މަސް ފެކްޓަރީތަކަށް ބޭރުން މަސް ގަތުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށާއި، ނަމަވެސް ދިވެހިން ބާނާ މަހަށް ހަމަ އަގު ދޭން ޖެހޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.