ޕްލާސްޓިކްގެ މައްސަލައަކީ ދުނިޔެއަށް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ޚާއްސަކޮށް ރާއްޖެއަކީ ހުދު ދޮންވެއްޔާއި ކަނޑުއަޑީގެ ރީތިކަމަށް މަޝްހޫރު ޤައުމަކަށް ވީއިރު، ރާއްޖޭގެ ކަނޑުތަކުގައި ވެސް ޕްލާސްޓިކް ކުނި އިތުރުވުމުގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި އޭގެ ސަބަބުން ކަނޑުގައި ދިރިއުޅޭ މަސްތަކާއި ވެލާތަކަށް ބޮޑެތި ގެއްލުންތައް ވެސް ވަނީ ވަމުންނެވެ.

ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށަން ޖެހޭނީ ގޭތެރެއިންނެވެ. އަދި ފާހަނާގައި ވެސް ގިނަ އަދަދަކަށް ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރާކަން ފާހަގަކޮށްލެވެއެވެ. ފާހާނާގައި ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމަށް އެންމެ ފުރަތަމަ ކުރެވޭނެ އެއް ކަމަކީ ވަކަރު ނުވަތަ ބެމްބޫ ދަތްއުނގުޅާ ބުރުސް ގެންގުޅުމެވެ.

މީގެ އިތުރުން، ޑިސްޕޮސެބަލް ރޭޒަރު ބޭނުންކުރުމުގެ ބަދަލުގައި ސޭފްޓީ ރޭޒަރު ބޭނުން ކުރެވިދާނެ އެވެ. އަދި ޝޭމްޕޫ ފުޅިއާއި ޝަވާ ޖެލް ފުޅިތަކުގެ ބަދަލުގައި، ސައިބޯނި ބޭނުންކުރުމަކީ ވެސް ވަރަށް ރަނގަޅު ކަމެކެވެ. އަދި މޫނު ސާފުކުރުމަށް ހަމަ އެހެންމެ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ކަފަ ޕެޑް ބޭނުންކުރުމުގެ ބަދަލުގައި ރީޔޫސެބަލް ކްލެންސިންގ ޕެޑްސް ވެސް ބޭނުންކުރެވިދާނެ އެވެ. މީގެ އިތުރުން މައްސަރު ދުވަސްވަރު ޕެޑް އަދި ޓެމްޕޮން ބޭނުންކުރުމުގެ ބަދަލުގައި މެންސްޓްރުއަލް ކަޕް ބޭނުންކުރުމަކީ ވެސް ތިމާވެށީގެ މާހިރުން ލަފާދޭ ކަމެކެވެ.

ޕްލާސްޓިކް މަދުކުރުމަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ ކުނި މަދުކުރުމުގެ. އެގޮތުން އާ އެއްޗެއް ގަނުމުގެ ކުރިން ކޮންމެ އެއްޗެއްވެސް އެއްކޮށް ހުސްވީތޯ ޔަޤީންކުރާށެވެ. އަދި ފާހާނާގައި ހުރި ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓެއް ހެދުމަށްފަހު، ފަހަރަކު އެއްޗެއް ބަދަލުކުރަމުން ގެންދެވިދާނެ އެވެ. އެއްފަހަރާ ހުރިހާ އެއްޗެއް ބަދަލުކުރުމުގެ ބަދަލުގައި، މަޑުމަޑުން ބަދަލުކުރުމުން ފަސޭހަވާނެ އެވެ. އޭރުން ކޮންމެ މަހަކު ބަޖެޓުކޮށްގެން ފަހަރު އެއްޗެއް ގަނެވޭނެ އެވެ.

މިހާރަކަށް އައިސް ވަރަށް ގިނަ ބްރޭންޑްތަކުން ރީފިލް ޕެކެޓްތައް އުފައްދައެވެ. އެހެންކަމުން ކޮންމެ ފަހަރަކު މުޅިން އާ ފުޅިއެއް ގަނުމުގެ ބަދަލުގައި، ރީފިލްއެއް ގަނުން މާ ބުއްދިވެރި އެވެ. ޝޭމްޕޫ، ތަށި ދޮންނަ ސައިބޯނި، ޑިޓާޖެންޓް އަދި ސޮފްޓްނާގެ އެއް ލީޓަރ އަދި ފަސް ލީޓަރ ޕެކެޓުތައް ވެސް ބައެއް ކުންފުނިތަކުން އުފައްދައެވެ. އަދި ހަމަ އެހެންމެ ބޭނުންނަމަ ބާތު ބޮމްބްފަދަ ތަކެތި އަމިއްލައަށް ވެސް ހެދިދާނެ އެވެ.

ބަދިގޭގައި ބޭނުންކުރާ ތަކެތީގެ ކުނީގެ 90% ރީސައިކަލް ކުރެވޭއިރު، ފާހާނާ ކުނީގެ ތެރެއިން ރީސައިކަލް ކުރެވެނީ އެންމެ 50% ކަމަށް "ރީސައިކަލް ނައު" ކެމްޕެއިން އިން ބުނެއެވެ. ފާހާނާގައި ބޭނުންކުރާ ތަކެތި ރީސައިކަލް ކުރުމަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ ރީސައިކަލް ކުރާ ތަކެތި އެޅުމަށް ވަކި ޑަސްޓްބިނެއް ފާހާނާގައި ބެހެއްޓުމެވެ. މީގެ އިތުރުން ބައެއް ބްރޭންޑްތަކުން ހުސްވެފައި ހުރި ފުޅިތައް އަނބުރާ ނަގާ ކެމްޕެއިންތައް ވެސް ކުރިއަށްގެންދެ އެވެ. އެހެންކަމުން އެފަދަ ބްރޭންޑެއްގެ އެއްޗެއް ހުރިނަމަ، ހުސްވުމުން އެ ފުޅި ނުވަތަ ދަޅު އުކާލުމުގެ ބަދަލުގައި ފިހާރައަކަށް އަނބުރާ ދިނުން މާ ރަނގަޅުވާނެ އެވެ. އަދި ހަމަ އެހެންމެ އެއްޗެހި ގަންނަން ދާއިރު އަމިއްލަ އަށް ފޮތި ނުވަތަ ކަރުދާސް ކޮތަޅެއް ހިފައިގެން ދިއުމަކީ ވެސް ރަނގަޅު ކަމެކެވެ.

މީގެ އިތުރުންވެސް ފާހާނާގައި ބޭނުންކުރާ ޕްލާސްޓިކް މަދުކުރެވޭނެ ވަރަށް ގިނަ ގޮތްތައް ހުންނާނެކަން ޔަޤީނެވެ. ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ކުޑަ ޖަޒީރާ ޤައުމަކަށް ވެފައި، ތިމާވެއްޓަށް ކުރާ ކޮންމެ ނޭދެވޭ އަސަރެއްގެ ނުރައްކާ ރާއްޖެއަށް ވެސް ފޯރާނެތީ އެފަދަ ކަންކަން ހުއްޓުވުމަށް ކުރެވެގެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް އަމިއްލަ ޒިންމާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.