އަލްޒައިމާ ނުވަތަ ޑިމެންޝިއާގެ އެހެނިހެން ވައްތަރުތައް ޖެހުމަށް މަގުފަހިވާ ޖީންސްތައް ހުރިކަމުގައި ވިޔަސް، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭނަމަ، މިފަދަ ސިކުނޑީގެ ބަލިތައް ޖެހުމުގެ ފުރުސަތު ހަނިވެގެންދާ ކަމަށް ދިރާސާއަކުން ހޯދައިފި އެވެ.
ދިރާސާއިން ދައްކާ ގޮތުގައި އާއިލާގައި އެފަދަ ބައްޔެއް އުޅޭނަމަ، އަދި ނުރަނގަޅު ސިއްޙީ އާދަތައް ގެންގުޅޭ ފަރާތްތަކަށް ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ތިންގުނަ ބޮޑުވެގެންދާ ކަމަށެވެ. އަދި އެފަދަ ބަލިތަކުގެ ވިރާސީ ނުރައްކާ ކިތަންމެ ބޮޑުވި ކަމުގައިވިޔަސް، ދުޅަހެޔޮކޮށް ކައިބޮއެ، ކަސްރަތުކޮށް އަދި ދުންފަތުގެ އިސްތިއުމާލު ނުކުރުމަކީ ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއް ކަމަށްވެސް ދިރާސާއިން ދައްކައެވެ.
"އަހަރެން ޤަބޫލުކުރާ ގޮތުގައި އެއީ ވަރަށް ރަނގަޅު ޚަބަރެއް. މި ނުރައްކާތެރި ބަލިން ސަލާމަތްވެވޭނެ ކަމުގެ ޔަޤީންކަމެއް އެއްވެސް މީހަކަށް ނުދެވޭނެ. ނަމަވެސް ދުޅަހެޔޮ ދިރިއުޅުމަކާއެކު ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރެވިދާނެ"، އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮން އޭޖިންގގެ ޖޯން ހާގާ ވިދާޅުވީ އެވެ.
ދިރާސާގެ ނަތީޖާތަކާއި ގުޅޭގޮތުން ވަނީ ލޮސް އެންޖެލިސްގައި ބޭއްވި އަލްޒައިމާސް އެސޯސިއޭޝަން އިންޓަނޭޝަނަލް ކޮންފަރެންސްގައި މަޝްވަރާކޮށްފަ އެވެ. އަދި ދިރާސާ ވަނީ އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ޖާނަލް އިން އޮންލައިންކޮށް ވެސް ޗާޕުކޮށްފަ އެވެ.
ގާތްގަނޑަކަށް 50 މިލިއަން މީހުންނަށް ވަނީ ޑިމެންޝިއާ ޖެހިފައެވެ. އަދި އޭގެ ތެރެއިން އެންމެ އާންމު ވައްތަރަކީ އަލްޒައިމާސް އެވެ. ވިރާސީ ކަންތައްތަކާއި ދިރިއުޅުމުގެ ވައްޓަފާޅި އަކީ އެ ބައްޔަށް މަގުފަހިކުރުވާ ސަބަބުތަކުގެ ތެރެއިން ބައެއް ކަންކަމެވެ. އެހެންނަމަވެސް އޭގެއިން ކޮންމެ ކަމެއްވެސް މުހިންމުވަނީ ކިހާ މިންވަރަކަށްތޯ ބެލުމަށް ދިރާސާވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި މަޢުލޫމާތުތައް ލިބިފައި ވަނީ ވަރަށް ފަހުންނެވެ.
މީގެ އަހަރުތަކެއް ކުރިން ކުރި އެފަދަ ދިރާސާއަކުން ދެއްކި ގޮތުގައި ދުޅަހެޔޮ ދިރިއުޅުމެއް ދިރިއުޅުމަކީ ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ އެއް ސަބަބު ކަމުގައި ވިރާސީ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ.
ޑރ. އެލްޒްބިއެޓާ ކުޒްމާ އާއި އޭނާގެ ބައިވެރިން މި ދިރާސާ ހިންގާފައި ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެގްޒެޓަރ މެޑިކަލް ސްކޫލްގަ އެވެ. އަދި ދިރާސާގައި ބައިވެރިވެފައި ވަނީ ދިރާސާކުރަން ފެށިއިރު، ޑިމެންޝިއާގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ، އުމުރުން 60 އަހަރުން މަތީގެ ގާތްގަނޑަކަށް 200،000 މީހުންނެވެ.
ގާތްގަނޑަކަށް އަށް އަހަރުގެ މި ދިރާސާއަށްފަހު، ވިރާސީ ނުރައްކާ ބޮޑު އަދި ނުރަނގަޅު ދިރިއުޅުމުގެ އާދަތައް ގެންގުޅޭ މީހުންގެ ތެރެއިން 1.8% މީހުންނަށް ޑިމެންޝިއާ ޖެހިފައިވާއިރު، ވިރާސީ ނުރައްކާ ކުޑަ އަދި ދުޅަހެޔޮ ދިރިއުޅުމުގެ ދިރިއުޅޭ މީހުންގެ ތެރެއިން ޑިމެންޝިއާ ޖެހިފައި ވަނީ އެންމެ 0.6% މީހުންނަށެވެ. އަދި ވިރާސީ ނުރައްކާ އެންމެ ބޮޑު އަދި އެދެވޭ ދިރިއުޅުމެއް ދިރިއުޅޭ މީހުންގެ ތެރެއިން، ޑިމެންޝިއާ ޖެހިފައި ވަނީ 1% މީހުންނަށެވެ.
މި ދިރާސާގައި ބައިވެރިވެފައި ވަނީ ޔޫރަޕްގެ މީހުން ކަމުގައިވާތީ، ދިރާސާގެ ނަތީޖާތައް އެހެނިހެން ނަސްލުގެ ފަރާތްތަކަށް ވެސް ސައްޙަވާނެ ކަމެއް ނޭނގެއެވެ.
މެސެޗުސެޓްސް ޖެނެރަލް ހޮސްޕިޓަލްގެ ވިރާސީ މާހިރެއް ކަމުގައިވާ ޑރ. ރޫޑީ ތަންޒީ ވިދާޅުވީ ވިރާސީ މައްސަލަތުގެ ސަބަބުން އެކަނި ޑިމެންޝިއާ ޖެހިދާނެކަމުގެ ބިރު ހީވެފައިވާ ފަރާތްތަކަށް، މި ދިރާސާގެ ނަތީޖާތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހިއްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިރާސީ މައްސަލަތާއި ބެހޭގޮތުން މާބޮޑަށް ނުވިސްނައި، ދުޅަހެޔޮ ދިރިއުޅުމެއް ގެންގުޅެވޭތޯ ބެލުމަށް ޑރ. ތަންޒީ ވަނީ އިރުޝާދުދެއްވައިފަ އެވެ.
ދުޅަހެޔޮ ދިރިއުޅުމެއްގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ކުރާ އަސަރު ބެލުމަށް މީގެ ކުރިން ސްވިޑެން އާއި ފިންލޭންޑްގައި ވެސް ވަނީ ދިރާސާއެއް ކޮށްފައެވެ. އަލްޒައިމާސް އެސޯސިއޭޝަން އިން ދަނީ އެފަދަ ދިރާސާއެއް އެމެރިކާގައި ވެސް ހިންގުމަށް ސްޕޮންސަރ ކުރަމުންނެވެ.