މީގެ ދެ މަސް ކުރިން ޕްރެކްޓިހުގައި ހުއްޓާ ހާޓް އެޓޭކެއް ޖެހުނު ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅެމުން އަންނަ ސްޕެއިން ގޯލްކީޕަރު އިކާ ކަސިޔަސް އަށް އެ ކްލަބުން ކޯޗިން ރޯލެއް ދޭން ނިންމައިފިއެވެ.
ޕޯޓޯގެ ރައީސް ޕިންޓޯ ޑަ ކޯސްޓާ ވަނީ ކުޅުން ހުއްޓާލަން ކަސިޔަސް ނިންމައިފިނަމަ އޭނާ އަށް އެ ކްލަބުން ހާއްސަ މަގާމެއް ހަމަޖައްސައިދޭން ތައްޔާރަށް ހުންނެވިކަމަށްވެސް މީގެކުރީން ވިދާޅުވެފައެވެ.
އެގޮތުން، ޕޯޓޯ އިން ބުނީ ކަސިޔަސް އެ މަގާމަށް ގެނައީ ކުޅުންތެރިންނާއި ކްލަބުގެ ކޯޗު އަދި މެނޭޖްމަންޓް ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމުގެ މަގުސަދުގައި ކަމަށެވެ.
އުމުރުން 38 އަހަރުގެ ކަސިޔަސް ވަނީ މިދިޔަ އަހަރު ޕޯޓޯގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އަދި އިތުރު ދެ އަހަރު ކުޅެން ބޭނުންވާކަމަށް ބުނެފައެވެ. ނަމަވެސް، މިދިޔަ މެއި މަހު ދިމާވި ސީރިއަސް ހިތުގެ މައްސަލައަށް ފަހު އޭނާ ބުނެފައިވަނީ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ގެންގުޅޭކަމަށާއި، އެކަމަކު ރިޓަޔާކުރުމަށްފަހު ވެސް ޕޯޓޯ އަށް ހިދުމަތްކޮށްދިނުމުގައި ދެމިހުންނަން ބޭނުންވާކަމަށެވެ.
"އަހަރެންނަށް ސިއްހީ މައްސަލަ ދިމާވިފަހުން، ޕޯޓޯގެ ކޯޗާއެކު ދެކެވުނު ވާހަކަތަކުގައި ކުރިއަށް އޮތް ތާނގާއި ކްލަބަށް ގިނަ ބަދަލުތަކެއް އަންނާނެ ކަމަށް ބުނި. އަދި ޓީމުގެ ކުޅުންތެރިންނާއެކު މަސައްކަތްކުރުމަށްޓަކައި މަޑުކުރުމަށް އެދިފައިވޭ." ކަސިޔަސް ބުންޏެވެ.
ކަސިޔަސް ވަނީ 1999 ވަނަ އަހަރުން ފެށިގެން ރެއާލް މެޑްރިޑްގައި ހޭދަކުރީ 16 އަހަރުގެ ތެރޭގައި ތިން ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ފަސް ފަހަރު ސްޕެނިޝް ލީގު ހޯދާފައެވެ. އެގޮތުން، އޭނާ ވަނީ ރެއާލަށް 725 މެޗު ކުޅެދީފައެވެ.
އޭގެފަހުން، 2016 ވަނަ އަހަރު ޕޯޓޯ އަށް ބަދަލުވެ، ފާއިތުވެދިޔަ ދެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކަސިޔަސް ވަނީ މިހާތަނަށް އައިއިރު އެ ޓީމަށް 150 އަށްވުރެ ގިނަ މެޗު ހަމަކޮށްފައެވެ. އެގޮތުން، އެ ޓީމުން މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ކުޅެފައިވާއިރު، ޕޯޗުގަލް ލީގު ނިންމާލީ ދެވަނައިގައި އޮވެގެންނެވެ.
މީގެއިތުރުން، ކަސިޔަސްގެ ކެޕްޓަންކަމުގެ ދަށުން ސްޕެއިނުން ވަނީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕާއި، 2008 އާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައިފައެވެ.