އުމުރުން 16 އަހަރުގެ ގްރެޓާ ތަންބާގް ދުނިޔޭގެ ސަމާލުކަން ހޯދާފައި ވަނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ސްވިޑެންގެ މަޖިލިސްކުރާގެ ކުރިމަތީގައި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ފިޔަވަޅު ނެގުމަށް އެދި އިހުތިޖާޖްކޮށްގެންނެވެ. ދުނިޔެ ސަލާމަތްކުރުމުގެ މަޤްސަދުގައި ގްރެޓާ ފެށި މި ޙަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ވަނީ ބައިވެރިވެފަ އެވެ. އެ ޙަރަކާތް ފެށިތާ އެއް އަހަރު ފުރެން ކައިރިވެފައިވާއިރު، ގްރެޓާގެ ބަޔޮގްރަފީއެއް ޗާޕުކުރުމަށް ސައިމަން އެންޑް ޝުސްޓަރ ޗިލްޑްރެންސް ބުކް އިން ވަނީ ތައްޔާރުވެފަ އެވެ.

އަންނަ އޮގަސްޓް މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ބަޔޮގްރަފީގެ ޓައިޓަލް އަކީ "ގްރެޓާސް ސްޓޯރީ: ދަ ސްކޫލްގާލް ހޫ ވެންޓް އޮން އަ ސްޓްރައިކް ޓު ސޭވް ދަ ޕްލެނެޓް" އެވެ. މި ފޮތް ފުރަތަމަ ޗާޕުކުރީ އިޓަލީގައެވެ. އަދި ފޮތް ލިޔުނީ ވެލްނޓީނާ ކެމެރިނީ އެވެ.

އިނގިރޭސިވިލާތުގެ ސައިމަން އެންޑް ޝުސްޓަރ ޗިލްޑްރެންސްގެ މެނޭޖިންގ ޑައިރެކްޓަރ ރޭޗެލް ޑެންވުޑް ވިދާޅުވި ކަމަށް ބުނެ "ދަ ބުކްސެލަރ" އިން ރިޕޯޓްކޮށްފައި ވަނީ ގްރެޓާ އަކީ މިޒަމާނުގައި ފާހަގަކޮށްލެވޭ އެންމެ އާދަޔާޚިލާފު އެއް ޒުވާނާ ކަމަށާއި، އޭނާ އަކީ ކުޑަކުދިންނަށް ހުރި މިސާލެއް ކަމަށެވެ. އަދި އެކުންފުނިން ގްރެޓާގެ ފޮތް ޗާޕުކުރާތީ ވަރަށް ފަޚުރުވެރިވާ ކަމަށްވެސް ޑެންވުޑް ވިދާޅުވި އެވެ.

ގްރެޓާގެ ވާހަކަ ތަރުޖަމާކޮށްފައި ވަނީ މޮރީނޯ ޖިއަވަނޯނީ ކަމުގައިވާއިރު، އިލަސްޓްރޭޓް ކޮށްފައިވަނީ ވެރޮނިކާ ކެރަޓެލޯ އެވެ.

ގްރެޓާ ވަނީ މިދިޔަ ޑިސެމްބަރ މަހު ޕޮލޭންޑްގައި ބޭއްވި ޔޫއެން ކްލައިމޭޓް ޓޯކްސް އާއި ޖެނުއަރީ މަހު ޑޭވޯސްގައި ބޭއްވި ވާރލްޑް އިކޮނޮމިކް ފޯރަމްގައި ވެސް ވާހަކަދައްކައިފަ އެވެ. މީގެ އިތުރުން، ގްރެޓާ ވަނީ މި އަހަރުގެ ނޮބެލް ޕީސް ޕްރައިޒް އަށްވެސް ނޯމިނޭޓްވެފަ އެވެ. މި އެވޯޑް ގްރެޓާ ކާމިޔާބުކޮށްފިނަމަ، އޭނާ ވެގެންދާނީ ޕާކިސްތާންގެ މަލާލާ ޔޫސަފްޒާއި އަށްފަހު ނޯބެލް ޕީސް ޕްރައިޒް ލިބޭ އެންމެ ހަނގު ފަރާތަށެވެ.

ގްރެޓާގެ ބަޔޮގްރަފީ ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.