ދިވެހި މަސްވެރިންނަކީ އެބަޔަކަށްޓަކައި މުޅި ދިވެހިރާއްޖެ ފަހުރުވެރިވާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މެމްބަރު އާދަމް ޝަރީފް އެމޭރެމުން ވާހަކަފުޅު ދެއްކެވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މަސްވެރިކަމާއި ބެހޭ ގަރާރަށް މެމްބަރުންގެ މެދުގައި އިބްތިދާއީ ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި ބަހުސް ކުރައްވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ، މަސްވެރިންނަކީ ދިވެހިންގެ އާދަކާދައާއި ދިރިއުޅުން ވަރަށް ރަނގަޅަށް ދުނިޔޭގެ ހުރިހާ ހިސާބުތަކަކަށް ތަމްސީލް ކޮށްދީފައިވާ ބައެއް ކަމަށެވެ. އަދި އެމީހުންނަކީ ދިވެހިން ފަހުރުވެރިވާ ބައެއް ކަމަށެވެ.
"މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑު މަގުތަކެއް ފަހިކޮށްދީފައިވާ ރާއްޖެ ކުރިއެރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ދާއިރާއެއް" މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
ވޭތުވެދިޔަ ދިގު މާޒީގައި، ރާއްޖޭގައި ތާރީހަށް ނަޒަރު ހިންގާލާއިރު، އެންމެ ފުރަތަމަ ފަންރިޔަލުގައި އަދި އޭގެ ފަހު ކަތި ރިޔަލުގައި މަސްވެރިކަން ފަށާ މިހާ ހިސާބަށް އައިއިރު އިންޖީނުލީ އުޅަނދު ފަހަރު ބޮޑެތިވަމުން ގޮސް މިހާރު ވަނީ، ބޭރުގެ ކަނޑުތަކާއި ހަމައަށް ދަތުރުކުރެވޭ ހިސާބަށް ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރެވިފައި ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
މަސްވެރިންނަށް ލިބޭ އާމްދަނީ އާއި ހިމާޔަތަކީ އަބަދުވެސް ކަންބޮޑުވަމުން ދިޔަ ކަމެއް ކަމަށް ވިދާޅުވަމުން، އާދަމް ޝަރީފް އުމަރު ވިދާޅުވީ، މަސްވެރިންނަށް ލިބެންޖެހޭ ހަމައަގު ލިބޭނެ ހެން މަސްވެރިކަމުގެ ސިނާއަތް ފުޅާކުރަން ޖެހޭ ކަމަށެވެ.