ޓެކްސީ މީޓަރު އެޕްލިކޭޝަންގެ ހިދުމަތް ރާއްޖެއަށް ތައަރަފްކުރުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހޯދަން އިއުލާން ކުރުމުން ފަސް ފަރާތަކުން ކުރިމަތި ލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މިއަދު މެންދުރު ކުރިއަށް ގެންދިޔަ، ޓްރާންސްޕޯޓް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، ޓެކްސީ މީޓަރު އެޕްލިކޭޝަން ފޯރުކޮށްދޭން ބޭރުގެ ތިން ފަރާތަކާއެކު ފަސް ފަރާތަކުން ކުރިމަތިލަފައިވާ ކަމަށެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ، މިހާރު ވަނީ ޓެކްސީ ތަކުން ނަގާނެ އަގުވެސް ފައިނަލް ކުރެވިފައި ކަމަށާއި، އަދި މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ މިމަހުގެ ފަހުކޮޅު ޓެކްސީ މީޓަރުގެ ހިދުމަތް ދޭން ފެށުމަށް ކަމަށެވެ.
އެ ހިދުމަތް ދިނުމަށް ކުރިމަތިލާފައިވާ ބޭރުގެ ތިން ކުންފުނި ވެސް ނިސްބަތްވަނީ ސްރީލަންކާއަށެވެ. ނަހުލާ އިތުރަށް ވިދާޅުވީ، މިމަސް ނިމުމުގެ ކުރިން އެ ހިދުމަތް ދޭން އެ ފަސް ފަރާތުގެ ތެރެއިން އެއް ފަރާތާއި ހަވާލުކޮށް ފައިނަލް ކުރުމަށް ފަހު އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެޕްލިކޭޝަން ތަކަކީ ސީދާ ރާއްޖެ އަށް ތައްޔާރު ކޮށްފައިވާ ޓެކްސީ އެޕްލިކޭޝަން ތަކެއް ކަމަށެވެ.