ވިމްބަލްޑަން މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ވަނީ ސްވިޓްޒަލޭންޑްގެ ރޮޖާ ފެޑެރާ ބަލިކޮށް އެ މުބާރާތް ފަސްވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ.

މި މެޗުން ބަލިވުމާއެކު ވިމްބަލްޑަން މުބާރާތް ރެކޯޑް ނުވަ ވަނަ ފަހަރަށް ކާމިޔާބުކުރުމުގެ އުއްމީދުގައި ނިކުތް ފެޑެރާ އަށް ވަނީ ހިތްދަތިކަމާ ކުރިމަތިލާންޖެހިފައެވެ. 

މިއީ ޖޮކޮވިޗް އެންމެ ފަހުން ކުޅުނު ފަސް ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން ކާމިޔާބުކުރި ހަތަރު ވަނަ މުބާރާތެވެ. މިއާއެކު ޖޮކޮވިޗް ވަނީ މިހާތަނަށް 16 ގްރޭންޑް ސްލޭމް ހަމަކޮށްފައެވެ. މި ލިސްޓްގައި އޭނާ އަށް ވުރެ ކުރީގައި އުޅެނީ ފެޑެރާ އާއި ސްޕެއިނުގެ ރަފައެލް ނަޑާލް އެވެ. ފެޑެރާ މިހާތަނަށް 20 ގްރޭންޑް ސްލޭމް ކާމިޔާބުކުރިއިރު، ރަފައެލް ނަޑާލް ވަނީ 18 މުބާރާތް ކާމިޔާބުކޮށްފައެވެ.

ވިމްބަލްޑަންގެ ސެންޓަ ކޯޓުގައި ކުޅުނު މި މެޗު ހަތަރު ގަޑިއިރާއި 57 މިނެޓަށް ދިގުލައިގެންދިޔައިރު، ސެޓުތައް ޖޮކޮވިޗް ގެންދިޔައީ 7-6 (7-5)، 1-6، 7-6 (7-4)، 4-6 އަދި 13-12 (7-3) އިންނެވެ. 

މި މެޗުގެ ފަހު ސެޓުގައި ސްކޯ 8-7 ގައި އޮއްވާ ފެޑެރާ އަށް މެޗު ކާމިޔާބުކުރުމަށް ލިބުނު ދެ ފުރުޞަތުވެސް ގެއްލިގެންދިޔައިރު، އޭގެފަހުން ޖޮކޮވިޗް ކުރި ހިތްވަރާއެކު އެ ސެޓުގެ ސްކޯ 12-12 އިން އެއްވަރުކޮށް ޓައި ބްރޭކްގައި ކުރިހޯދީ 7-3 ގެ ތަފާތުންނެވެ.

އިއްޔެގެ މެޗަކީ، ވިމްބަލްޑަންގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ވަގުތު ހޭދަވި ފައިނަލަށްވާއިރު، މީގެކުރީން، އެންމެ ދިގުލައިގެންދިޔަ ފައިނަލަކީ 2008 ވަނަ އަހަރު ނަޑާލް އަތުން ފެޑެރާ ބަލިވި މެޗެވެ. އެ މެޗު ނިމުނީ ހަތަރު ގަޑިއިރާއި 48 މިނެޓުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.