އަމިއްލަ ގައުމުގައި ބޭއްވި ކްރިކެޓް ވޯލްޑްކަޕްގެ ފައިނަލްގައި ނިއުޒީލެންޑްގެ މައްޗަށް އާދަޔާ ހިލާފުގޮތަކަށް ކުރިހޯދައިގެން އިންގްލެންޑުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. 

މިއީ އެ މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދީ ފުރަތަމަ ފަހަރެވެ. މީގެއިތުރުން، އިއްޔެގެ މެޗުން ބަލިވުމާއެކު ނިއުޒީލެންޑަށް ވަނީ މި މުބާރާތުގެ ފައިނަލްގައި މިހާތަނަށް ވާދަކުރި ދެ ފަހަރުވެސް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.

އިއްޔެގެ މެޗުގެ ޓޮސް ދިމާވުމުން ނިއުޒީލެންޑުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 241 ލަނޑުހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ހެންރީ ނިކޯލްސް 55 ލަނޑުހެދިއިރު، ޓޮމް ލޭތަމް ވަނީ 56 ބޯޅައިން 47 ލަނޑުހަދާފައެވެ. މި އިނިންގްސްގައި އިންގްލެންޑުން އެންމެ ރަނގަޅަށް އުކި ކްރިސް ވޯކްސް އާއި ލިއާމް ޕްލަންކެޓް ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އެރި އިންގްލެންޑްގެ ހުރިހާ ކުޅުންތެރިން ނުބައިވީވެސް 241 ލަނޑަށެވެ. އެންމެ ރަނގަޅަށް ކުޅުނު ބެން ސްޓޯކްސް ވަނީ ނުބައިނުވެ 84 ލަނޑުހެދިއެވެ. މީގެއިތުރުން، 60 ބޯޅައިން 59 ލަނޑުހެދި ޖޮސް ބަޓްލާގެ ކުޅުން ފާހަގަކޮށްލެވެއެވެ. ނިއުޒީލެންޑުން އެންމެ ރަނގަޅަށް އުކީ ލޮކީ ފާގަސަން އާއި ޖިމީ ނީޝަމް އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ.

މެޗުގެ ދެ އިނިންގްސް ނިމުނުއިރު، ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެވުނު ސުޕަ އޯވަރުގައިވެސް ދެ ޓީމުވީ އެއްވަރެވެ. ސުޕަ އޯވަރެއްގައި ޓީމަކަށް އުކަން ލިބެނީ ހަ ބޯޅައެވެ. މި އޯވަރުގައިވެސް ކޮންމެ ޓީމަކަށް ހެދުނީ 15 ލަނޑެވެ. 

އެކަމަކު، ނަތީޖާ ނެރުމަށްޓަކައި ދެން ބެލީ މިންގަނޑުން ކުރި ލިބުނީ އިންގްލެންޑަށެވެ. އެ ޓީމުން 26 ފަހަރު ބައުންޑަރީ އަށް ޖަހާފައިވާއިރު، ނިއުޒީލެންޑަށް ޖެހިފައިވަނީ 17 ފަހަރުއެވެ.

މެޗަށްފަހު މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންގްލެންޑްގެ ބެން ސްޓޯކްސް އެވެ. މި ފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުޒީލެންޑްގެ ކެޕްޓަން ކޭން ވިލިއަމްސަން އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.