ހުޅުމާލޭގައި ގާއިމުކުރާ ވޯޓާރ ތީމް ޕާކް 2020 ވަަނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި، އެ ވޯޓާރ ތީމް ޕާކްގެ މަސައްކަތް ދަނީ ވަރަށް ހަލުވިކަމާއިއެކު ކުރިއަށެވެ. އަދި އެ ޕާކްގެ މަސައްކަތް މިއަަންނަ އަހަރުގެ ކުރީކޮޅު ނިމޭނެކަން ވަރަށް ޔަގީންކަން އެބައޮތް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭގައި ގާއިމުކުރާ ވޯޓާރ ތީމް ޕާކްގެ މަސައްކަތް 25 މިލިއަން ޑޮލަރަށް ހަވާލުކޮށްފައިވަނީ، މެލޭޝިއާގެ މިރީ ހައުސިންގް ޑިވެލޮޕްމެންޓް ސެންދިރިއަން ބަރުހާދާ އާއި އެވެ.
ވޯޓާރ ތީމް ޕާކަކީ، ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ވޯޓާ ސްލައިޑްސް، ކުޑަކުދިންގެ ޕޫލް، ބަމްޕަރ ބޯޓްސް، ވޯޓާ ހައުސް، ވޯޓާ ރޯލާޒް، ވޯޓާ ގައިރޯ، އަކުއާ ލޫޕްސް، ފައުންޓަން ސްކޮއާރ އަދި ފެން ކޯރުތައް ހުންނާނެ ހެން ގާއިމުކުރާ ޕާކެކެވެ.