ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ލީޑާޝިޕްގެ ފުރުސަތަކީ ތަބަކަކަށް ލާފައި ދޭ އެއްޗެއް ނޫން ކަމަށް އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޕީޕީއެމްގެ ލީޑާޝިޕަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތަކެއް މީގެ ކުރިން ވަނީ ފެތުރިފައެވެ.

އޮންލައިން ނޫހެއް ކަމުގައިވާ "ދަ ޕްރެސް" އަށް ދިން އިންޓަވިޔުއެއްގައި، ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ލީޑަރޝިޕް ދޭނީ ކޮން ބަޔަކަށް ތޯ ނިންމާނީ އެޕާޓީގެ މެންބަރުން ކަމަށާއި އެކަން ކުރާނީ އާއްމު މެންބަރުންގެ ކޮންގްރެސް އިން ކަމަށެވެ.

"މި ޕާޓީގެ ލީޑަޝިޕަށް ކުރިމަތިލައްވަން ބޭނުންވާ ބޭފުޅަކަށް އެ ފުރުސަތު އޮންނާނެ، އެ ބޭފުޅަކު ލީޑާޝިޕަށް ކުރިމަތިލައްވައި އެބޭފުޅުންގެ މަސައްކަތް ޕާޓީގައި ޝާމިލްކޮށް ދައްކަވަން ވީ" ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އެންމެ ފަހި ފުރުސަތު ލިބެނީ ޕީޕީއެމް އަދި ޕީއެންސީން ކަމަށް ވާނަމަ، ޕީޕީއެމް، ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރަންވީ ކަމަށެވެ.

މީގެ އިތުރުން ޑރ.ޖަމީލާއި އުމަރަށް އިޝާރާތް ކުރައްވާ، ނަމަވެސް އެއިން ބޭފުޅެއްގެ ނަން ވިދާޅުނުވެ ޔާމީން ވިދާޅުވީ، ކިރިޔާ އުނދަގުލެއް ވާއިރަށް، އޮޑިން ފުއްމާލައިފައި އަނެއްކާ ފަހި ވާއިރަށް އެރުމަކީ ކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށެވެ. 

ޕީޕީއެމްގެ ލީޑާޝިޕަށް ބައެއް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރަމުން ދާއިރު ރައީސް ޔާމީންގެ މައްޗަށް މިހާރު ވެސް މައްސަލައެއްގައި ދައުވާ ކުރެވި ޝަރީޢަތެއް ހިނގަމުން އެބަދެއެވެ. އަދި އެތައް މައްސަލައެއްގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ކުރެވެމުން އެބަދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.